ކުޅިވަރު

ޓީސީ ބަލިކޮށް މާޒިޔާއިން ލީޑު ފުޅާކޮށްފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފިއެވެ.

ލީގުގައި އަންގާރަ ދުވަހުގެރޭ ކުލަބު އީގަލްސްއިން ވަނީ ކުލަބު ވެލެންސިއާ ބަލިކޮށް، މާޒިޔާއާ ދެ ޕޮއިންޓަށް ގާތަށް ޖެހިލާފައެވެ. އެކަމަކު ބުދަ ދުވަހުގެރޭ ކުޅުނު މެޗުން 4-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް މާޒިޔާވަނީ އަލުން ލީޑު ފުޅާކޮށްފައެވެ.

ބަދަލުތަކަކާއެކު މި މެޗަށް މާޒިޔާ ނުކުތްއިރު، މި މެޗުގައި އެ ޓީމުގެ ގޯލު ބަލަހައްޓާފައިވަނީ ނޭޕާލުގެ ގޯލްކީޕަރު ކިރަން ކުމާރުގެ ބަދަލުގައި އިޔާން އަބްދުލް އަލީމް (ޗިކީ) އެވެ.

މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 38 ވަނަ މިނެޓުގައެވެ. އޭރިއާ ރޮނގުކައިރިން ޓަނާ ޖެހި ބޯޅަ ގޯލަށް ވަނީ ޓީސީގެ މިސްރު ޑިފެންޑަރު އަލާ ނާސިރުގެ ފައިގައި ޖެހިފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދެއްކީ ބަދަލަކަށް ކުޅެން އެރި މާޒިޔާގެ ސެއިންޓް ވިންސެޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. އެގޮތުން މެޗުގެ 80 ވަނަ މިނެޓުގައި ކޯނޭ ދިން ބޯޅައަކުން ބަދަލަކަށް ކުޅެން އެރި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ މާޒިޔާގެ ލީޑު ފުޅާކޮށްދީފައެވެ.

އޭގެ އަށް މިނެޓު ފަހުން މާޒިޔާގެ ތިންވަނަ ލަނޑުވެސް ޖެހީ ކޯނޭ ދިން ބޯޅައަކުން ފޭދޫ އިއްބެއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ކޯނޭ ވަނީ މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖަހައިދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ހުސެއިން ނިހާން (ނިހާޓް) ދިން ބޯޅައަކުންނެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ކުޅުނު 13 މެޗުން ލިބުނު 36 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އީގަލްސްއަށް 13 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި ޓީސީ އޮތީ 13 މެޗުން 17 ޕޮއިންޓާއެކުއެވެ.