ދައުލަތުގެ ސިއްޙީ އިންޝުއަރެންސް ނިޒާމު، އާސަންދައަކީ ލުއިފަސޭހަ ގޮތެއްގައި ދިވެހި ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ މަގުފަހިކޮށްދެއްވުމަށް ސަރުކާރުން ތަޢާރަފްކުރެއްވި ނިޒާމެކެވެ.
އާސަންދަ ނިޒާމުގެތެރެއިން ބަލިމީހާގެ އަތުން ސީދާ ފައިސާއެއް ނުނަގައި ހިލޭ ޚިދުމަތް ލިބެމުން އަންނަނީ ހަމައެކަނި ސަރުކާރުން ހިންގަމުން އަންނަ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގައެވެ. މާލޭގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލްތަކުން އެޕޮއިންޓްމަންޓް ހޯދުން ވެފައިވަނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. ޖެހެންޖެހެނީ ބޮޑެތި ކިއޫ ތަކުގައެވެ. މިއާ ގުޅިގެން ޚިދުމަތް އަވަހަށް ލިބިގަތުމަށް ދެން ދާންޖެހެނީ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށެވެ.
ނަމަވެސް ކްލިނިކްތަކަކީ އާސަންދައިގެ ވަރަށް ކުޑަ އިންސައްތައެއް ލިބޭ ތަންތަނެވެ. 300-400 ރުފިޔާގެ އެޕޮއިންޓްމަންޓަށް އާސަންދަ ކަވަރޭޖް ލިބެނީ އެންމެ 100 ރުފިޔާއެވެ. އެހެންކަމުން ޖުމުލަ އަގުގެ ބޮޑުބަޔަށް އަތުން ހޭދަކުރަންޖެހެއެވެ. ޚިދުމަތް އަވަސް ކުރަން ބޭނުންވާ މީހުންނަށް ބޮޑުއަގުގައި ޚިދުމަތް ހޯދުން އޮތީ މަޖުބޫރުވެފައެވެ.
މިއީ އާއްމުންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައި ވާތީ، މަޖީލީހުގެ އިޖްތިމާޢީ ކޮމިޓީއަށް މި މައްސަލައާ ގުޅޭގޮތުންވަނީ އާސަންދައާއި އެންސްޕަރ ހާޒިރުކޮށްފައެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީގް ވިދާޅުވީ، އަދިވެސް އާސަންދަ ސްކީމަކީ އެންމެ ފުރިހަމަކޮށް އޮތް ސްކީމެއް ނޫންކަމަށެވެ. އަދި މިކަން އިސްލާޙުކުރުމުގައި ގޮންޖެހުންތައްވެސް ހުރިކަމަށް އޭނާ ވިދާޅުވިއެވެ. މަރިޔަމް ޝަފީޤް ވިދާޅުވީ އަމިއްލަ ހޮސްޕިޓަލްތަކުން ކުރާ ބޮޑެތި އޮޕަރޭޝަންތަކަށް، އާސަންދައިގެ ވީހާވެސް ބޮޑު ކަވަރޭޖެއް ހޯދައިދިނުމަށް 2019އިން ފެށިގެން އެހޮސްޕިޓަލްތަކާއެކު މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.
އަލަށް ރާއްޖެއަށް ތައާރަފްވަމުންއަންނަ އެކިއެކި ސިއްޙީ ޚިދުމަތާއި އޮޕަރޭޝަންތައް އާސަންދައިގެ ދަށުން ކަވަރުކުރުމަށް އިތުރު 90 ޕެކޭޖް، އޭޑީކޭއާއި ޓްރީޓޮޕް ހޮސްޕިޓަލްގެ ޚިދުމަތަށް އިތުރުކޮށްފައިވާކަމަށް މަރިޔަމް ޝަފީގު ވިދާޅުވިއެވެ. މީގެތެރޭގައި ކަށީގެ އެކި އޮޕަރޭޝަންތައް ހިމެނެއެވެ.
މަރިޔަމް ޝަފީޤް އެންމެބޮޑަށް ފާހަގަކޮށްފައިވާ ކަމަކީ، އަމިއްލަ ޚިދުމަތްދޭ ތަންތަނުން އަގުތަކަށް ގެންނަ ބަދަލުތައް ބަލައި ރިވިއުކުރެވޭނެ ގޮތެއް ނެތުމެވެ. އަދި އަގުތައް ބޮޑުކުރާ އުސޫލު ބެލޭނެ އެކަށީގެންވާ ގޮތެއް ނެތުމެވެ.
"ރާއްޖެއަކު ނެތް އުސޫލެއް އަގުތައް ހިފެހެއްޓުމާ ގުޅޭ. ބޭނުންވަރަށް ކްލިނިކްތަކުން އަގުތައް ބޮޑުކުރަމުންދޭ. އެންމެ ފުރަތަމަ އާސަންދަ އުސޫލު އެކުލަވާލީ އޭރުގެ އަގުތަކަށް ބަލައިގެން. އޭރުގެ މާކެޓްގައި ހުރި އަގުތަކަށް ރިއާޔަތްކޮށް. މިހާރު އަގުތައް ޑަބަލް ވެއްޖެ." އާސަންދައިގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.
މަރިޔަމް ޝަފީޤް ވިދާޅުވީ ބައެއް ކަހަލަ ބަލިތަކުގެ ފަރުވާއަށް އާސަންދަ ކަވަރޭޖްގެ އަގުތައް ހެދުމުގައިވެސް ގޮންޖެހުންތައް ހުރިކަމަށެވެ. އެގޮތުން ނާރުގެ ބަލިތަކުގެ އޮޕަރޭޝަންތައްފަދަ، އަލަށް ރާއްޖެއަށް ތަޢާރަފްވަމުންދާ ފަރުވާތަކުގެ އަގު އަދިވެސް ނެހެދި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ކަންބޮޑުވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ މަސައްކަތްތަކުގައި ކްލިނިކްތަކުގެ އެއްބާރުލުން ހޯދަމުން ތަކުރާރުކޮށް އެދެމުން އަންނަކަމަށް މަރިޔަމް ޝަފީޤް ވިދާޅުވިއެވެ.
މަރިޔަމް ޝަފިޤް ވިދާޅުވީ އާސަންދައިގައި ހުރި މައްސަލަތައް ޙައްލުކުރުމަށް އެންސްޕާ އަދި ފިނޭންސް މިނިސްޓްރީއާއެކުވެސް މަޝްވަރާކުރަމުންދާކަމަށެވެ.