ޚަބަރު

ތިން ސަރަހައްދެއްގައި ޑިސްޓްރިކްޓް ކޯޓު ޤާއިމްކުރަނީ


ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑިސްޓްރިކްޓް ކޯޓު ޤާއިމްކޮށް، އެރަށްރަށުން މެޖިސްޓްރޭޓް ކޯޓު އުވާލުމަށް ކޯޓުތަކާބެހޭ ޤާނޫނަށް ގެންނަން އިޞްލާހުގައި ހިމަނައިފިއެވެ. ކޯޓުތަކާބެހޭ ޤާނޫނަށް އިޞްލާހު ހުށައެޅުއްވީ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދެވެ.

ކޯޓުތަކާބެހޭ ޤާނޫނަށް ގެންނަ އިޞްލާހުގައި އެންމެބޮޑު ބަދަލަކީ ރާއްޖެއަށް އަލަށް ޑިސްޓްރިކްޓް ކޯޓާއި، ސާރކިޓް ކޯޓު ތަޢާރަފްކުރުމެވެ. ނިހާދު ހުށައެޅުއްވި އިޞްލާހުގައި ވަނީ ސުޕީރިއަރ ކޯޓެއްގެ ގޮތުގައި ޑިސްޓްރިކް ކޯޓުތަކެއް ތަޢާރަފްކުރަންޖެހޭކަމަށް ބަޔާންކޮށްފައެވެ. ޑިސްޓްރިކްޓް ކޯޓު ޤާއިމުކުރާނީ، މާލެ، ކުޅުދުއްފުށި އަދި އައްޑޫ ޖުޑީޝަލް ޑިސްޓްރިކްޓްތަކުގައާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅައި ޖުޑީޝަލް ޑިސްޓްރިކްޓްތަކުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، ޑިސްޓްރިކް ކޯޓު ޤާއިމުކުރާނެ ޖުޑީޝަލް ޑިސްޓްރިކްޓެއް ކަނޑައަޅުމުގައި ބަލަންވާނެ ކަންތައްތަކެއްވެސް މި އިޞްލާހުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ޑިސްޓްރިކްޓް ކޯޓު ޤާއިމްކުރާއިރު އެ ސަރަޙައްދެއްގެ ޖުޑީޝަލް ދާއިރާތަކުގެ އާބާދީ ވީއެންމެ ބޮޑަކަށް ހަމަހަމަކުރެވޭނެ ގޮތަށް ބެލުމާއި، އެ ސަރަޙައްދުގެ ކޯޓުތަކަށް މައްސަލަ ހުށަހެޅޭނެ ނިސްބަތާއި، ކޯޓު ޤާއިމްކުރާ ރަށުގައި ވަސީލަތްތައް ޤާއިމުކުރެވިފައިވާ ނިސްބަތް ބަލަންވާނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ސަރަޙައްދެއްގައި ޑިސްޓްރިކްޓް ކޯޓެއް ޤާއިމުކުރެވިއްޖެ ހިނދެއްގައި، އެ ޑިސްޓްރިކް ކޯޓެއްގެ އިޙްތިޞާޞްގައި ހިމެނޭ މައްސަލަތައް ދެން ބަލާނީ، އެ ސަރަޙައްދެއްގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކުގެ ބަދަލުގައި އެ ޑިސްޓްރިކްޓް ކޯޓަކުން ކަމުގައި މި އިޞްލާހުގައި ބުނެފައިވެއެވެ.

ނިހާދު ހުށައެޅުއްވި އިޞްލާހުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެކަމަށް މިހާރު ޤާނޫނުގައި ބަޔާންކޮށްފައި އޮތް އޮތުން ބަދަލުކޮށް، މެޖިސްޓްރޭޓް ކޯޓު ޤާއިމުކުރާނީ މާލެއާއި، ޑިސްޓްރިކްޓް ކޯޓެއް ޤާއިމުވެފައިވާ ރަށްރަށް ފިޔަވައި، އެނޫން ރަށްރަށުގައި ކަމަށް ކަނޑައަޅާފައިވެއެވެ. އަދި، ސަރކިޓްތަކުގައި ހިމެނޭ ރަށްރަށުގެ ތެރެއިން މެޖިސްޓްރޭޓެއް ޤާއިމުވެ ހުންނާނެ ރަށްތައް ކަނޑައަޅާނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުންކަމަށް ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ، މެޖިސްޓްރޭޓެއް ޤާއިމުވެ ނުހުންނަ ރަށްރަށުގައި ޝަރީޢަތްތައް ހިންގާނީ، އެ ސަރކިޓަށް ނިސްބަތްވާ މެޖިސްޓްރޭޓުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ މެޖިސްޓްރޭޓުންކަމަށްވެސް މި އިޞްލާހުގައި ބުނެފައިވެއެވެ.

މި ބިލުގައި ބުނެފައިވާގޮތުގައި ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ސަރކިޓްތަކެއް ހުންނަންވާނެކަމަށާއި، އެގޮތުން ސަރކިޓަކީ ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި އިދާރީ ބޭނުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ވަކި ދާއިރާއެއް ކަމުގައި ބުނެފައިވެއެވެ. އަދި، ސަރކިޓްތަކަށް ނިސްބަތްވާ މެޖިސްޓްރޭޓުން ކަނޑައަޅަންވާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަމުގައިކަން ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މަދަނީ މައްސަލަތަކުގެ ޝަރިޢަތް ބޭއްވުމުގެ ކުރީގައި ޚަސްމަކު އެދޭނެމަ، ޚަސްމުން ހާޒިރުކޮށް، ސުލްޙައިގެ މަޖިލީހެއް ބާއްވައި، ޝަރީޢަތުން ސުލްޙަވެރި ޙައްލެއް ހޯދައިދިނުމަށް މިހާރު ޤާނޫނުގައި ކަނޑައަޅާފައިވާ ނިޒާމު އުވާލަންވެސް ވަނީ ހިމަނާފައެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހް ކުރުމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ޤާނޫނުތަކަށް އިސްލާހްތަކެއް ގެންނާނެކަން ސަރުކާރުން ކުރިން ހާމަކުރައްވާފައިވެއެވެ.