ޚަބަރު

ހައްޖުވެރިންގެ ދަތުރުގެ ކަންކަން ރޭވި ހިނގަމުންދާ ގޮތް ނައިބު ރައީސް އޮޅުންފިލުއްވައިފި


ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑު ސަމާލުކަމެއް މިވަގުތު ދެއްވާކަމަކީ ޙައްޖުގެ އަޅުކަމަށް ފުރުމުގެ އިންތިޒާމުތައް ހުރިނެތްގޮތް ބައްލަވާ ވީ އެންމެ ރަނގަޅަށް އެކަންކަން ހަމަޖެއްސުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށްދިއުމުގެ ކަންކަން ހަމަޖެއްސުމަށް ކަމާގުޅޭ މުއައްސަސާތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން އެމަނިކުފާނުވަނީ ޙައްޖާޖީންގެ ދަތުރުފަތުރުގެ އިންތިޒާމްތައް މާލެއާއި ހުޅުމާލޭގައި ހަމަޖެހިފައިވާ ގޮތާއި އެއަރޕޯޓްތެރޭގައި އިސްތިޤްބާލް ކުރުމަށް ހަމަޖެހިފައިވާ ގޮތާއި މީގެ އިތުރުންވެސް ހަމަޖައްސަންޖެހޭ އެހެނިހެން އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތު އޮޅުން ފިލުއްވާފައެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑު ސަމާލުކަމެއް މިވަގުތު ދެއްވާކަމަކީ ޙައްޖުގެ އަޅުކަމަށް ފުރުމުގެ އިންތިޒާމުތައް ހުރިނެތްގޮތް ބައްލަވާ ވީއެންމެ ރަނގަޅަށް އެކަންކަން ހަމަޖެއްސުންކަމަށެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި ޙައްޖާޖީންނަށް ފަސޭހަކަމާއެކު ގެއިން އެއަރޕޯޓަށް ދިއުމާއި އަދި އެއަރޕޯޓްތެރޭގައި ފަސޭހަގޮތެއްގައި އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން، ކަމާގުޅޭ މުއައްސަސާތަކުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ބަސްތައް ދަތުރުކުރާނެ މަގުތަކާއި، ގަޑިތަކާއި، އެއަރޕޯޓުން ޙައްޖުވެރިންނަށް އިސްތިޤްބާލުކުރާނެ ގޮތްތަކާއި، އެކަމަށް އެހީތެރިވުމަށްޓަކައި ކަނޑައަޅާފައިވާ ފަރާތްތަކުން ޢަމަލުކުރައްވާނެ ގޮތާއި، އެއަރޕޯޓްތެރެއިން ޙައްޖާޖީންނަށް ފޯރުކޮށްދޭންޖެހޭ އެންމެހާ އެހީތެރިކަމާއި ގުޅޭ
ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މިފަހަރު ހައްޖުވެރިން ފުރަން ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. އެއީ މިމަހުގެ 26 ވަނަ ދުވަހާއި، 29 ވަނަ ދުވަހާއި ޖުލައި މަހުގެ 2 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.