ވިޔަފާރި

ޝަންގްރިއްލާ ރިސޯޓު ނުހުޅުވި އެންމެ ފަހުން ވިއްކާލަނީ


ކޯވިޑަށް ބަންދު ކުރި ޝަންގްރިއްލާ ރިސޯޓު ނުހުޅުވި އޮވެ، އެންމެ ފަހުން ރިސޯޓު ވިއްކާލަން ނިންމައިފިއެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ރިސޯޓަކީ 264 އެނދުގެ ރިސޯޓެކެވެ. މި ރިސޯޓުގެ ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނަ އިރު، ބާކީ 70 އިންސައްތަ ހިއްސާ އޮންނަނީ ރިސޯޓު ހިންގުމަށް ސަރުކާރާއި ގުޅިގެން ހަދާފައިވާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގައެވެ.

ރިސޯޓު ހުޅުވުމަށް ގިނަ ތާރީޚުތަކެއް ދީ ރިސޯޓު އަލުން ހުޅުވުމަށް ސަރުކާރުންވެސް ވަނީ ބާރު އަޅާފައެވެ. ނަމަވެސް އެންމެ ފަހުން ރިސޯޓު ވިއްކާލުމަށް އެމެރިކާގެ ސީބީއާރް ގުރޫޕާއި މިވަނީ ހަވާލުކޮށްފައެވެ. އެގޮތުން އެކުންފުނިން ރިސޯޓު ވިއްކާލުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މިމަހުގެ ކުރީ ކޮޅު ބީލަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގައި އަޕްމާކެޓަށް ޚާއްސަކޮށްގެން ހުޅުވާފައިވާ ރިސޯޓެކެވެ. މި ރިސޯޓުގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާ އަދި 2 ޕްރެޒިޑެންޝަން ވިލާ ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ބޮޑު މިނުގައި ފަސް ލައްކަ ފަސް ހާސް އަކަ މީޓަރު ހުރެއެވެ.

މިރިސޯޓު ވިއްކާލަން ނިންމާފައިވާއިރު، މިރިސޯޓުގައި އޮންނަ ސަރުކާރުގެ ހިއްސާވެސް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމާއި ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ ރިސޯޓު ބަންދުކުރި ފަހުން އެއްވެސް ފައިދާއެއް ނުވެ ގިނަ ދުވަސް ވުމުން، ރިސޯޓަށް ލިބޭ ގެއްލުމުގެ ބަދަލުގައި ނަގަން ޖެހޭ ލޯނުގައިވެސް ސަރުކާރުގެ ހިއްސާ އޮތް ކަމަށެވެ. އަދި އެލޯނަށް މިހާރުވެސް 68 މިލިއަން ޑޮލަރު ނުވަތަ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ސަރުކާރަށް ޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ޓޫރިޒަމް ޤާނޫނަށް ގެންނަ 11 ވަނަ އިސްލާހާއިއެކު ސަރުކާރަށް ގެއްލުން ކުޑަކޮށް، ރިސޯޓުގައި އޮތް ސަރުކާރުގެ 30 އިންސައްތް ހިއްސާ ވިއްކާލަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގެ ގިނަ ބަޔަކު ވަޒީފާ އަދާ ކުރަމުންއައި ރިސޯޓެކެވެ. ނަމަވެސް އެތަން ބަނދު ކުރުމަށްފަހު، ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައިރު، އަލުން ރިސޯޓު ހުޅުވުމަށް އައްޑޫގެ ގިނަ ބަޔަކު ދަނީ ގޮވަމުންނެވެ. އަދި ސަރުކާރުންވެސް ދަނީ މިތަން ހުޅުވައި އަލުން ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންނެވެ.