ދުނިޔެ

ހޮންގް ކޮންގުގެ ބައެއް ހިސާބުތައް ކަނު އަނދިރީގައި


ހޮންގް ކޮންގުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ބޭނުން ކުރާ ކޭބަލެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ގިނަ ސަރަޙައްދުތަކަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. ހޮންގް ކޮންގުގެ ޔުން ލޮންޑް ޑިސްޓްރިކްޓުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސީ.އެލް.ޕީ. ޕަވަރ ކުންފުނީގެ ކޭބަލެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަޙައްދުން ޚިދުމަތް މެދުކެނޑިފައިވާތާ މިއަދަށް ދެވަނަ ދުވަސް ގުނާއިރު، އެ ސަރަޙައްދުގައި ދިރިއުޅޭ 160,000 މީހުން ފާއިތުވި ދެ ދުވަސް ހޭދަކޮށްފައި ވަނީ ކަނު އަނދިރީގައެވެ.

އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ހޮސްޕިޓަލުތަކާއި ރޭލު ސްޓޭޝަންތަކަށް މިހާރު ވަނީ ކަރަންޓު ލިބިފައެވެ. އެހެންނަމަވެސް އަދިވެސް ބައެއް ސަރަޙައްދުތަކުން ޚިދުމަތް އޮތީ މެދުކެނޑިފައެވެ. ހޮންގް ކޮންގްގައި ފިނިހޫނުމިން މަތިވެފައިވާ މި ދަނޑިވަޅުގައި، ކަރަންޓުގެ ޚިދުމަތް ކެނޑުމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުންނަށް ވަނީ ތަކުލީފަކާ ކުރިމަތިލާން ޖެހިފައެވެ. ބައެއް ސަރަޙައްދުތަކުގައި ފިނިހޫނިމިން ވަނީ 31 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރާފައެވެ.

ކަރަންޓުގެ ޚިދުމަތަށް ބުރޫ އެރުމާ ގުޅިގެން ހޮންގް ކޮންގުގެ ސަރުކާރުން ވަނީ އެ ސަރަޙައްދުގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިފައެވެ. އަދި، ކަރަންޓު ކެނޑެން މެދުވެރިވި އަލިފާނުގެ ހާދިސާ ތަހުޤީޤު ކުރުމަށް ސަރުކާރުން ވަނީ ސީ.އެލް.ޕީ. ޕަވަރ ކުންފުންޏަށް ގޮވައިލާފައެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަޙައްދުގެ ސްކޫލުތަކުގައި ކިޔަވައިދިނުން ވެސް ވަނީ މެދުކަނޑައިލާފައެވެ.