ޚަބަރު

އިސްދޫ ހަތްތެލި، ރަށު ރައްޔިތުންނަށް އެންމެ މުހިންމު އެއް އާޘާރު


އާބާދީގައި 1430 މީހުން ދިރިއުޅޭ ލ. އަތޮޅު އިސްދޫ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވި ރަށެވެ. މިއީ ރާއްޖޭގެ ނިސްބަތުން 4 ވަނައަށް އެންމެ ބިން ބޮޑު ރަށެވެ. އާމްދަނީ ހޯދުމުގެ ގޮތުން ރަށުގެ ރައްޔިތުން ކުރާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމެވެ.

އިސްދޫއަކީ އާޘާރީގޮތުން ފާހަގަ ކޮށްލެވޭ ރަށެކެވެ. ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ އާޘާރީ މިސްކިތާއި ރާއްޖޭގައި އޮންނަ ހަމައެކަނި ބޭސްކުޅިވެސް އޮންނަނީ މިރަށުގައެވެ.

ރަށުގައި އާޘާރީ ގޮތުން ފާހަގަކޮށްލެވޭ "އިސްދޫ ބޮޑު ހަތްތެލި" އާއި "އިސްދޫ ކުޑަ ހަތްތެލި" ކިޔާ ސަރަހައްދަކީ ރާއްޖޭގައި ހުރި އެންމެ އުސް ތާރީޚީ ބިނާއެވެ.

ރަށުގައި ހުރި ތާރީޚީ ބިނާތަކާއި ޤުދުރަތީ ވަސީލަތްތަކާއި ތަންތަނަކީ ގިނަ ދުވަސްތަކެއް ވެފައިވާ ތަންތަނަށްވާއިރު އެ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ އިންތިޒާމެއް ޤާއިމްކޮށްފައި ނެތުމަކީ ނެތިގެން ދިޔުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެހެންކަމުން އިސްދޫ ކައުންސިލްގެ އަމާޒަކީ ރަށުގައި ހުރި ތާރީޚީ ބިނާތައް ދެމެހެއްޓެނިވި ގޮތަކަށް ބަލަހައްޓާ އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން އިސްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޚަލީލް ވިދާޅުވީ ރަށުގެ ހަތްތެލި ހިމާޔަތްކުރުމުގެ ގޮތުން އެ ސަރަހައްދު އެއްކޮށް ފެންސް ޖެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. އެގޮތުން ވަކި ޕްލޭނެއްގެ ދަށުން އެ ސަރަހައްދުގައި ގަސް އިންދުމާއި ޒީނަތްތެރިކުރުން ފަދަ ކަންތައްތައްވެސް ކުރަމުން އަންނަ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މީގެ 12 ވަރަކަށް އަހަރު ދުވަސް ކުރިން އެ ސަރަހައްދުގައި ލެވިފައިވާ ތޮށިގަނޑު (ވެލި ސިމެންތިން ހަދާފައިވާ ތޮށިގަނޑެއް) ވެއްޓުމާއި ގުޅިގެން ތޮށިގަނޑު ލުމަށްޓަކައި އިތުރު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން 2 މުވައްޒަފުން އެތަނުގަ މަސައްކަތްކުރުމަށް ހަމަޖައްސައިގެން އެސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދަމުން މިދަނި" އިސްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޚަލީލް ވިދާޅުވިއެވެ.

ރަށުގެ އުތުރުކޮޅުގައި އޮންނަ އިސްދޫ ބޮޑު ހަތްތެލީގެ ވަށަމިނުގައި 384 ފޫޓު އަދި އުސްމިނުގައި 45 ފޫޓު ހުރެއެވެ. މި ތަނަކީ އިހުޒަމާނުގެ ބުޑިސްޓު ދީނުގެ އެކުވެންޏެކެވެ. އެހެންނަމަވެސް އަހަރުތައް ފާއިތުވަމުން ގޮސް ހަތްތެއްޔަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މީގެ ކުރިން ހަތްތެލީގެ އުސްމިނުގައި 60 ފޫޓު ހުންނަކަމަށް ކައުންސިލްގެ ރައީސް އިތުރަށް ފާހަގަކުރެއެވެ.

"އާންމުކޮށް އެ ސަރަހައްދުގަ މީހުން ހަތްތެއްޔަށް އަރައި ގަލާ އެއްޗިސް އުކައި ހެދުމުގެ ސަބަބުން ބަދަލުތަކެއް އާދޭ އެހެންނަމަވެސް މިހާރު އަޅުގަނޑުމެން މަނާ ކޮށްފަ ވާނީ އެ ސަރަހައްދަށް ވަނުން" އިސްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޚަލީލް ވިދާޅުވިއެވެ.

ހަތްތެއްޔަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ސަރަހައްދު ގިރުމުގެ މައްސަލައެވެ. ސުނާމީ ކާރިސާގެ ކުރީގައި ހަވިއްތައާއި ގޮނޑުދޮށާ ދޭތެރޭގައި 145 ފޫޓު ހުރިނަމަވެސް މިހާރު އެ ސަރަހައްދު ބޮޑަށް ގިރުމުގެ ސަބަބުން ހަތްތެއްޔާއި ދެމެދު އިނީ އެންމެ 35 ފޫޓެވެ.

އިސްދޫ ހަތްތެއްޔަކީ ޒަމާނުއްސުރެވެސް ވަރަށް މުހިންމު ތަނެއްގެ ގޮތުގައި ރަށުގެ ރައްޔިތުން ދެކެމުން އަންނަ ތަނެކެވެ. އަދި މިތަނަކީ ރަށުގެ އެންމެ އަގުބޮޑު އެއް ތަރިކަ ކަމުގައި ރަށު ކައުންސިލުންވެސް ފާހަގަކުރެއެވެ.

ރާއްޖޭގައި ހުންނަ މިފަދަ އާސާރީ ތަންތަން ހިމާޔަތްކުރުމަކީ މުހިންމު ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅައި މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އާޘާރީ ތަންތަން ހިމާޔަތްކޮށް ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއިއެކު ވާސިލްކޮށްދިނުމަކީ އެންމެ ބޮޑު އަމާޒެވެ.