ކުޅިވަރު

ރާއްޖޭގައި ބާއްވާ އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި


ރާއްޖޭގައި ބާއްވާ އޭޝިއާގެ 54 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ގެ ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ.

މި މުބާރާތް އޮންނާނީ އަންނަ ޖުލައި މަހުގެ 15 އިން 21 އަށް ކ. މާފުށީގައެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ "މިހާރު" އޮންލައިންނެވެ. މީގެ އިތުރުން މުބާރާތުގެ ކްރިއޭޓިވް ޕާޓްނަރަކަށް އޯކާ މޯލްޑިވްސް ހަމަޖެއްސިއިރު، އޯގަނައިޒިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އޮފިޝަލް އިވެންޓްސްއެވެ.

އަންގާރަ ދުވަހު ޓީވީއެމްގައި ކުރިއަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު "ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަދައްކަމުން އޮފިޝަލް އިވެންޓްސްގެ އަޙްމަދު އާދަމް ވިދާޅުވީ މި މުބާރާތުގައި ފެނިގެންދާނެ ސްޓޭޖާ ލައިޓިންތަކަކީ މިހާތަނަށް ފެންނާނެ އެންމެ ވަރުގަދަ ލައިޓިންތައް އަދި ސްޓޭޖު ކަމަށެވެ. އަދި އެއީ މި މުބާރާތަށް ހާއްސަކޮށްގެން ފަރުމާކުރަމުން އަންނަ ތަކެތި ކަމަށްވެސް ވިދާޅުވިއެވެ.

މުބާރާތުގެ ކްރިއޭޓިވް ޕާޓްނަރުން ކަމަށްވާ އޯކާ މޯލްޑިވްސްގެ ސީއޯއޯ އަޙްމަދު ނާސިރު ވިދާޅުވީ މި މުބާރާތުގެ ލޯގޯއިން ފެށިގެން ކްރިއޭޓިވް ހުރިހާ ކަމެއް ކުރަމުން ގެންދާނީ އެ ކުންފުނިން ކަމަށާއި، ބޮޑީބިލްޑިން އެސޯސިއޭޝަނުން އެދޭފަދަ ގޮތަކަށް އެކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރު މިހާރުގެ ސޭލްސް އެންޑް މާކެޓިން އެކްޒެކުޓިވް، އަޙްމަދު ސިނާން ރަޝީދު ވިދާޅުވީ މި މުބާރާތުގެ ހުރިހާ ހަބަރެއް އާންމުންނާ ހަމައަށް އެންމެ އަވަސްކޮށް ތިލަ ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، އެ މުއްދަތުގެ ތެރޭގައި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަނުގެ ކޮންގްރެސްވެސް ރާއްޖޭގައި ބާއްވާނެ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު 2019 ވަނަ އަހަރު ލިބުނުއިރު، ރާއްޖޭގައި މީގެ ކުރިން ބޭއްވި އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތަކީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތް ބޭއްވީ މާލެ އާއި އައްޑޫ ސިޓީގައެވެ.

މި ފަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބްރޯޑްކާސްޓިން މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާއެވެ.