ކުޅިވަރު

ވެލެންސިއާ ބަލިކޮށް އީގަލްސްއިން ފަރަގު ކުޑަކޮށްފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާ ބަލިކޮށް ކުލަބު އީގަލްސްއިން ލީގު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެ ޕޮއިންޓާ ގާތަށް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗަކީ މީގެ ކުރިން ވެލެންސިއާއަށް އިރުޝާދުދިން މުޙައްމަދު އާތިފް (އާތީ)، އީގަލްސްއާ ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު އީގަލްސްގެ ހަސަން ރާއިފް އަޙްމަދު (ހަންނަ) ލަނޑެއް ޖެހި ނަމަވެސް، އެއީ އޮފްސައިޑް ލަނޑެއް ކަމުގައި ރެފުރީ ވަނީ ނިންމާފައެވެ. އެކަމަކު ބޯ ވިއްސާރާގައި ކުޅުނު މި މެޗުގެ 25 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހަސަން (އައްމަޑޭ) އެވެ.

ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކުރުމަށް ވެލެންސިއާއަށް ވަނީ ފުރުސަތު ލިބި ބޭކާރުވެފައެވެ. އެގޮތުން ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) އާއި މުޙައްމަދު އުމެއިރަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ވެލެންސިއާގެ ގޯލްކީޕަރު މުޙައްމަދު ފައިސަލަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިމްރާން ނަޝީދު (އިންމަ) އެވެ.

އެކަމަކު މެޗުގެ 55 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުމެއިރެވެ. ނަމަވެސް މެޗުގެ ފަހު މިނެޓުގައި އީގަލްސްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އައްމަޑޭއެވެ.

މި ނަތީޖާއާއެކު ތާވަލުގެ ދެވަނައިގައި އޮތް އީގަލްސްއަށް 13 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި މާޒިޔާ އޮތީ ކުޅުނު 12 މެޗުނެ 33 ޕޮއިންޓް ހޯދައިގެންނެވެ. އަދި މި މެޗުން ބަލިވި ވެލެންސިއާ އޮތީ ލީގު ތާވަލުގެ ފަސްވަނައިގައި 13 މެޗުން 16 ޕޮއިންޓާއެކުގައެވެ.