ޚަބަރު

އުރީދޫ އިން ބައިނަލްއަޤުވާމީ ގޭމިން ޕްލެޓްފޯމެއް


ރާއްޖޭގައި ފުޅާދާއިރާއެއްގައި މުވާސަލާތީ ޚިދުމަތްދެމުން އަންނަ އުރީދޫއިން ބައިނަލްއަޤުވާމީ ގޭމިން ޕްލެޓްފޯމެއް ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "އުރީދޫ ނޭޝަން - ގޭމާސް ލޭންޑް"ގެ ނަމުގައި މި ޕްލެޓްފޯމް ތަޢާރަފްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ ޢަބްދުﷲ މަޢުސޫމެވެ.

މިޕްލެޓްފޯމް ތަޢާރަފްކުރުމުގެ ބޭނުމަކީ ރާއްޖޭގައި ގޭމިން ކޮމިއުނިޓީއެއް ބިނާކޮށް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ މި އިންޑަސްޓްރީގެ ނިމުމެއް ނެތް ފުރުޞަތުތަކާއި ގުޅުވާލަދިނުން ކަމަށް އުރީދޫ އިން ހާމަކުރެއެވެ. އަދި އުރީދޫއާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި ދެމެދު ވެފައިވާ ޕާޓްނާޝިޕްތަކުގެ އެހީގައި ގޭމިންއާއި ގުޅުންހުރި ހުރިހާ ޚިދުމަތާއި މަޢުލޫމާތެއް އެއް ޕްލެޓްފޯމެއްގައި ގެނެސްދިނުމަކީ އުރީދޫގެ އަމާޒް ކަމަށްވެސް އުރީދޫއިން ހާމަކުރެއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް ކޮމާޝަލް އޮފިސަރު ޚާލިދު އަލް ޙަމާދީ ވަނީ ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ގޭމިން އިންޑަސްޓްރީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ފުރުސަތުތައް ހުޅުވިގެން ގޮސްފައިކަން ފާހަގަކުރައްވާފައެވެ.

"މިއަދު އަޅުގަނޑުމެން މި ޙާޞިލްކުރި މުހިންމު ލަނޑުދަނޑިއާއިއެކު އައު ފުރުޞަތުތަކާއިއެކު ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އުރީދޫ ނޭޝަން ތަޢާރަފްކުރުމަކީ މިދާއިރާގައި ޕްރޮފެޝަނަލް ބަޔަކަށްވެ އިތުރު ހަރުފަތަކަށް ވާޞިލްވުމަށް ލޯކަލް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. އަޅުގަނޑުމެން މިތިބީ މި އިންޑަސްޓްރީގެ އިސް ސަފުގައި ޙަރަކާތްތެރިވެ ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ ޢަޒުމުގައި"
ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

އުރީދޫ ނޭޝަން މެދުވެރިކޮށް އައިޓިއުންސް، ނިންޓެންޑޯ، ޕްލޭސްޓޭޝަން އަދި މިނޫންވެސް ދުނިޔޭގެ އެކި ގޭމިން ޕްލެޓްފޯމްތަކުގެ ގިފްޓްކާޑްތައް ގޭމްކުޅޭފަރާތްތަކަށް ލިބޭނެއެވެ. އަދި މިއާއިއެކު Ooredoonation.mv މެދުވެރިކޮށް ޕަބްޖީ، ގެރީނާ ފްރީ ފަޔާ، މޯބައިލް ލެޖެންޑްސް، ކޯލް އޮފް ޑިއުޓީ، ރޮބްލަކްސް އާއި މި ނޫންވެސް ގިނަ ގޭމްތަކަށް ޚާއްޞަ މޯބައިލް ޑޭޓާ ޕެކްތައް އެކްޓިވޭޓް ކުރެވޭނެއެވެ.

މި ރަސްމިއްޔާތުގައި އުރީދޫއިން ވަނީ ގޭމްކުޅޭ ފަރާތްތަކަށް އަގު ހުރި އިނާމުތަކަކާއިއެކު ލޯކަލް އަދި އިންޓަނޭޝަނަލް މުބާރާތްތައް ކުރިއަށްގެންދާނެކަން ފާހަގަކޮށްފައެވެ. އެގޮތުން އުރީދޫ ނޭޝަން ވުޖޫދުވުމަށްފަހު ކުރިއަށްގެންދާ އެންމެ ފުރަތަމަ މުބާރާތްކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް 100000 ރުފިޔާގެ ޕްރައިޒް ޕޫލަކާއިއެކު ރޭގެ ހަފްލާގައިވަނީ އިޢުލާންކޮށްފައެވެ.