ޚަބަރު

ސޫރިޔާގައި ހާލުގައި ޖެހިފައިވާ މީހުންގެ ހަނދާން ނައްތައިލެވޭކަށް ނެތް: ގުތެރޭޝް


ސޫރިޔާގައި ހާލުގައި ޖެހިފައިވާ އެތައް މިލިޔަން މީހުންނެއްގެ މަތިން ހަނދާން ނައްތައިލެވެން ނެތް ކަމަށް ވިދާޅުވެ، އެ ޤައުމަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދަ ދިނުމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް އ.ދ.ގެ ސަލާމަތީ މަޖިލީހަށް ގޮވައިލައްވައިފިއެވެ. ގުތެރޭޝް ވިދާޅުވީ ސޫރިޔާގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރަމުންދާ އެ ޤައުމުގެ ހުޅަނގުއުތުރުގެ ސަރަޙައްދުތަކުގައި ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ސާމާނަށް ބޭނުން ޖެހިފައިވާ އެތައް މިލިޔަން ބަޔަކު ދިރިއުޅެމުންދާ ކަމުގައެވެ. އަދި، އެ މީހުން އެ ހާލުގައި ދޫކޮށްލެވެން ނެތް ކަމުގައެވެ.

އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ތުރުކީވިލާތު މަގުން އެހީގެ ސާމާނު ފޯރުކޮށްދިނުމަށް އ.ދ.އިން ނިންމާފައިވާ ނިންމުމުގެ މުއްދަތު އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހު ހަމަވާނެއެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދޭން ހިންގާ މި އޮޕަރޭޝަނަކީ، ސޫރިޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމަށް ހިންގާ އޮޕަރޭޝަނެއް ކަމުގައި ސޫރިޔާގެ ސަރުކާރަށް ވާގިވެރިވާ ރަޝިޔާއިން ބުނެއެވެ. ރަޝިޔާއިން އ.ދ.އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ ނައިބު ދިމީތްރީ ޕޮލިޔެންސްކީ ސިފަކުރައްވާ ގޮތުގައި، އ.ދ.ގެ އޮޕަރޭޝަނަކީ ވަރަށް “ދަށު ދަރަޖައިގެ” އޮޕަރޭޝަނެކެވެ.

ރަޝިޔާއިން ބުނަނީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނީ ސޫރިޔާގެ ސަރުކާރުގެ ބެލުމުގެ ދަށުން ކަމުގައެވެ. ނަމަވެސް، މިއީ އެހީދޭ ޤައުމުތަކުން ވެސް އަދި އ.ދ.އިން ވެސް ޤަބޫލުކުރާ ބަހަނާއެއް ނޫނެވެ. އަދި، މި ކަމުގައި ސޫރިޔާގެ ސަރުކާރުން މެދުވެރިއެއްގެ ދައުރު އަދާކުރަން ފަށައިފި ނަމަ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ތަކެތި ނުލިބޭނެ ކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލު ކުރެއެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އ.ދ.އިން ވަނީ ފަސް ފަހަރެއްގެ މަތިން ސޫރިޔާގެ ހުޅަނގުއުތުރުގެ ސަރަޙައްދުތަކަށް އެހީގެ ތަކެތި ފޯރުކޮށްދީފައެވެ. ނަމަވެސް، އެ ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައިވާ އެތައް މިލިޔަން މީހުންނަށް ބޭނުންވާ މިންވަރަށް އެހީ ފޯރުކޮށް ނުދެވޭ ކަމަށް އ.ދ.އިން ޤަބޫލު ކުރެއެވެ. ގުތެރޭޝް ވިދާޅުވީ، ހާލުގައި ޖެހިފައިވާ މީހުންނަށް އިތުރު އެހީ ފޯރުކޮށްދޭން ސޫރިޔާއަށް އެތެރެވުމުގެ ހުއްދަ އިތުރަށް ދިގުދަންމައިލާން ޖެހޭ ކަމުގައެވެ. އަދި، މި ކަމާމެދު އެއްބަސްވުމަކަށް އައުމަށް އޭނާ ވަނީ އ.ދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ސޫރިޔާގެ ހުޅަނގުއުތުރުގައި އިދިކޮޅުގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައި 4.1 މިލިޔަން މީހުން ހާލުގައި ޖެހިފައިވާ ކަމަށް އ.ދ.އިން އަންދާޒާ ކުރެއެވެ. މީގެ ތެރެއިން 80 އިންސައްތަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އެ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދޭން އ.ދ.ގެ ސަލާމަތީ މަޖިލީހުން ހުށަހަޅާފައި ވަނީ 2014 ވަނަ އަހަރުއެވެ. އަދި، އެހީ ފޯރުކޮށްދޭން ނިންމާފައި ވަނީ ތުރުކީވިލާތުގެ އިތުރުން އިރާޤާއި ޢުރުދުން މަގުންނެވެ. ނަމަވެސް، ސަލާމަތީ މަޖިލީހުގެ ވީޓޯ ކުރުމުގެ ބާރު އޮންނަ ދެ ޤައުމު ކަމުގައިވާ ރަޝިޔާއާއި ޗައިނާއިން ވަނީ މި ކަމާ ދެކޮޅު ހަދާފައެވެ. އަދި، ފަހުން ހުއްދަ ލިބިފައި ވަނީ ތުރުކީ ވިލާތު މަގުން ސޫރިޔާއަށް އެހީގެ ތަކެތި ފޮނުވުމަށް އެކަންޏެވެ.

ތުރުކީ ވިލާތުން އ.ދ.އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ފަރީދޫން ހާދީ ސިނިރްލިއޮގްލޫ ވަނީ މި ކަމާ މެދު ސޫރިޔާއާއި ރަޝިޔާ އަދި ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވަނީ، އިންސާނީ އެހީއަށް ބޭނުން ޖެހިފައިވާ ބަޔަކު، އެހީއިން މަހުރޫމު ކުރުމަކީ އިންސާނިއްޔަތު ކަމެއް ހުރި އެއްވެސް މީހަކަށް ކުރަން ކެރޭނެ ކަމެއްތޯ ސުވާލު ކުރައްވާފައެވެ.