ޚަބަރު

ޔޫ.އޭ.އީ.އިން ސޫދާނަށް 6 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް


ޔޫ.އޭ.އީން ސޫދާނުގައި 4 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ވިޔަފާރި ބަނދަރެއް އަޅައިދޭން ނިންމައިފިއެވެ. މި ބަނދަރު އެޅުމަށް ހަމަޖެހިފައި ވަނީ ޔޫ.އޭ.އީ.އިން ސޫދާނަށް ދޭ 6 ބިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓް ޕެކޭޖެއްގެ ދަށުންނެވެ. މި ޕެކޭޖުގެ ދަށުން، ޔޫ.އޭ.އީ.އިން ސޫދާނަށް އިތުރު ގޮތްތަކުން ވެސް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި މަޝްރޫޢުގެ އެއް ބައިވެރިއެއް ކަމުގައިވާ ސޫދާންގެ ޑީ.އޭ.އެލް. ގްރޫޕުންގެ ޗެއަރމަން އުސާމާ ދާޢޫދު ޢަބްދުއްލަތީފު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ބިނާކުރާ ބަނދަރުގައި މިނިވަން ވިޔަފާރީގެ ސަރަޙައްދަކާއި ސިނާޢީ މަސައްކަތްތަކަށް ޚާއްޞަ ސަރަޙައްދެއް ވެސް ހިމެނޭނެއެވެ. މި އިންވެސްޓްމެންޓް މަޝްރޫޢުގެ ދަށުން ޔޫ.އޭ.އީ.އިން ސޫދާނުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢެއް ފެށުމުގެ އިތުރުން، ސޫދާނުގެ މަރުކަޒީ ބޭންކަށް 300 މިލިޔަން ޑޮލަރު ވެސް ފޯރުކޮށްދޭނެއެވެ.

ސޫދާނުގެ އަސްކަރިއްޔާއިން އެ ޤައުމުގެ އިންތިޚާބީ ސަރުކާރު ވައްޓައިލުމުން ހުޅަނގުގެ ޤައުމުތަކުން ވަނީ އެ ޤައުމަށް ދެމުންދިޔަ މާލީ އެހީތައް ހުއްޓައިލާފައެވެ. އެއާއެކު، ހައްސާސް ހާލަތެއްގައި އޮތް ސޫދާނުގެ އިޤްތިޞާދަށް އިތުރު ދަތިތަކާ ކުރިމަތިވިއެވެ. ޔޫ.އޭ.އީ.ގެ އެހީތެރިކަމަކީ، އެ ޤައުމުގައި ހިންގި ބަޣާވާތަށް ފަހު ބޭރު ދުނިޔެއިން އެ ޤައުމަށް މާލީ އެހީތެރިކަން ލިބޭ ފުރަތަމަ ފަހަރެވެ.

ސޫދާނުގެ އަސްކަރިއްޔާއިން އެ ޤައުމުގެ އިންތިޚާބީ ރައީސް އުމަރު އަލްބަޝީރުގެ ވެރިކަން ވައްޓައިލާފައި ވަނީ 2019 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ޢާންމު ރައްޔިތުން ފެށި މުޒާހަރާތަކަކާ ގުޅިގެންނެވެ. ސޫދާނުގެ އަސްކަރިއްޔާއިން ވެރިކަމާ ހަވާލުވި ފަހުން، ސަޢޫދީ ޢަރަބިއްޔާއާއި ޔޫ.އޭ.އީ.އިން ވަނީ އެ ޤައުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހިލޭ އެހީގެ ގޮތުގައި 3 ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ނިންމާފައެވެ. ނަމަވެސް، އެ ފައިސާ އަދި ލިބިފައި ނުވާ ކަމަށް އެ ޤައުމުން ބުނެއެވެ.