ޚަބަރު

ބުރްކިނާ ފާސޯގެ މައިނެއްގައި ފެންބޮޑުވެ، މަރުވި އަށް މީހެއްގެ ހަށިގަނޑު ހޯދައިފި


ބުރްކިނާ ފާސޯގައި ޒިންކު މައިނެއްގައި ފެންބޮޑުވުމާ ގުޅިގެން އެ ތަނުގެ ތެރޭގައި ބަންދުވެގެން މަރުވި އަށް މީހެއްގެ ހަށިތައް ހޯދައިފިއެވެ. ވެރިރަށް އޫގަދޫގޫއާ 120 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެއްގައި ހުންނަ މި މައިން އަކީ ކެނެޑާގެ ކުންފުންޏެއް ކަމުގައިވާ ޓްރެވާލީ މައިނިންގ ކޯ އިން ހިނގާ މައިނެކެވެ.

މި މައިންގައި ފެންބޮޑުވެފައި ވަނީ މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހެން ފެށުމާ ގުޅިގެންނެވެ. މައިންގެ ތެރޭގައި ފެންބޮޑުވުމުގެ ސަބަބުން އެ ތަނުގެ އެތެރޭގައި އަށް މީހަކު ބަންދުވިއެވެ. އަދި، މި އެންމެން ވެސް މަރުވެފައި ވަނީ ގެނބިގެން ކަމަށް ބެލެއެވެ. މި ހާދިސާ ހިނގާފައި ވަނީ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުއެވެ.

މި ހާދިސާގައި މަރުވި އަށް މީހުންގެ ހަށިގަނޑު ފެނިފައި މި ވަނީ އެ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ފެށިތާ 66 ދުވަސް ފަހުންނެވެ. މި އަށް މީހުން ސަލާމަތް ކުރެވޭތޯ ކުރި މަސައްކަތުގައި މައިންގެ ތެރެއިން 63 މިލިޔަން ލީޓަރުގެ ފެން ވަނީ ބޭރަށް ޕަމްޕުކޮށްފައެވެ. މައިންގެ ތެރޭގައި މަރުވެފައި ވަނީ ބުރްކިނާ ފާސޯގެ ހަ މީހަކާއި، ޓެންޒެނިޔާއަށް ނިސްބަތްވާ މީހަކާއި ޒެމްބިޔާ ރައްޔިތެކެވެ. ޓްރެވާލީ މައިނިންގ ކޯ އިން ވަނީ، މި ހާދިސާ ހިނގަން މެދުވެރިވި ގޮތް އިތުރަށް ތަޙުޤީޤު ކުރަން ފަށާފައެވެ.