ޚަބަރު

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގެ ފޮޓޯއާއި ވީޑިއޯ ޙިއްސާކުރަން ފުލުހުން އެދިއްޖެ


މިއަދު ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ޔޯގާ ހަރަކާތް ހުޓުވައި ހަމަނުޖެހުން ހިންގި ހާދިސާއާގުޅޭ ފޮޓޯއާއި ވީޑީއޯ ފުލުހުންނަ ޙިއްސާކުރުމަށް އެ އިދާރާއިން އެދިއްޖެއެވެ.

ފޮޓޮއާއި ވީޑިއޯ ފުލުހުންގެ ޕޯޓަލްއެއް މެދުވެރިކޮށް ޙިއްސާކުރެވޭނެއެވެ. ޕޯޓަލްގެ ލިންކް ފުލުހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ ޙިއްސާކޮށްފައެވެ.

ޕޯޓަލްގައި ޙިއްސާކުރާ މަޢުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ޙިއްސާކުރާ މީހުންގެ މަޢުލޫމާތުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން ފުލުހުންވަނީ ދީފައެވެ. ޔޯގާ ޙަރަކާތް ކުރިއަށްދަނިކޮށް ގަލޮޅު ދަނޑަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގި މައްސަލަ ފުލުހުން ވަނީ ސީރިއަލް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައެވެ. މިހާތަނަށް މި މައްސަލައިގައި 6 މީހުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިޢަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގްކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މިހާދިސާއާގުޅިގެން މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުން މިޢަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެން)ގެ އޮފީހުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.