ޚަބަރު

ދިވެހިރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ފަރުތަކުގެ ޑިޖިޓަލް ފައިލްތައް ޢާންމުކޮށްފި


މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިންގާ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ދިވެހިރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ފަރުތަކުގެ ޑިޖިޓަލް ފައިލްތައް ޢާންމުކޮށް ބޭނުންކުރެވޭގޮތަށް ޝާޢިއުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޗާޓުތައް ކުރެހުމުގެ އިތުރުން މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތީރިޓީއަކީ ރާއްޖޭގެ ބިމުގެ ދަފްތަރު ޤާއިމުކޮށްބަލަހައްޓައި ޤައުމީ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް ޤާއިމުކޮށް، ރާއްޖޭގައި ކުރާ ބިމުގެ ސަރވޭތައް ރެގިއުލޭޓްކުރާ ފަރާތެވެ.

މީގެކުރިން ރާއްޖޭގެ ޗާޓުތައް ލިބެންހުންނަނީ ފޮތްތަކާއި، ހާޑްކޮޕީ ފޯމެޓުގައެވެ. މިޝޭޕްފައިލްތައް އާންމުކުރުމުން ދައު ލަތުގެ އިދާރާތަކާއި، އަމިއްލަ ކުންފުނިތަކާއި، ދިރާސާކުރާ ފަރާތްތަކާއި، އަމިއްލަ ފަރުދުންނަށް ރާއްޖޭގެ ރަށްތަކާއިބެހޭ ރަސްމީ ގިއޯގްރަފިކް މަޢުލޫމާތު، އެކި އެޕްލިކޭޝަންތަކުގައި ބޭނުންކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި ޗާޓުކުރުމުގެ މަސައްކަތާއި، ރިސޯސް އެލޮކޭޝަން މަސައްކަތާއި، ޕްލޭނިންގ މަސައްކަތާއި، ރިސަރޗް މަސައްކަތްކުރާ ދަރިވަރުންނާއި، އެޕްލިކޭޝަންތައް ތައްޔާރުކުރާ ފަރާތްތަކަށް ބޭނުންކުރު ވޭނޭ އޮތޯރިޓޭޓިވް ނުވަތަ ރަސްމީ ޑޭޓާ ލިބިގެންދާނެއެވެ.

އެއޮތީރިޓީއިން ދިވެހިރާއްޖޭގެ ޗާޓުތައް ޝާއިޢުކޮށްފައިވަނީ އެޗާޓުތަކުގެ ޖިއޯރިފަރަންސް މަޢުލޫމާތު ހިމެނޭ ގޮތަށް ބޭނުންކުރާ ޝޭޕްފައިލް ފޯމެޓުގައެވެ. ޝޭޕްފައިލަކީ ޖީ.އައި.އެސް ސޮފްޓްވެއަރ ތަކުގައި އާންމުކޮށް ބޭނުންކުރާ ޖިއޯސްޕޭޝަލް ޑޭޓާގެ ފައިލް ފޯމެޓެކެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއިން މަޢުލޫމާތު ދެއްވާ ގޮތުގައި ރަށްތަކުގެ ޗާޓުތަކަކީ މެދުނުކެނޑި އަދާހަމަކުރަމުންދާ ޗާޓުތަކެކެވެ. މިގޮތުން ބިންހިއްކުމާއި، ފަޅު ހިއްކައިގެން އުފައްދާ ރަށްތަކުގެ މައުލޫމާތު ކަނޑައެޅިފައިވާ ފްރީކުއެންސީއެއްގައި ޗާޓުކޮށް އާންމުކުރެވިގެން ދާނެއެވެ. މިގޮތުން ޗާޓުތަކުގެ އެންމެ އަދާހަމަ މަޢުލޫމާތު ހޯދުމަށްޓަކައި، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއިން އެޗާޓުތައް ޝާޢިޢުކުރާ ވެބްސައިޓްކަމުގައިވާ mv.onemap.www އިން ޗާޓުތަކުގެ ޝޭޕްފައިލްތައް ހޯދުމަށް އެފަރާތުން އެދެއެވެ.