ޚަބަރު

ޔޯގާ ޙަރަކާތާ ދެކޮޅަށް ބޭނުންކުރި ދިދަތަށް ނެރުނީ ޕީޕީއެމް އޮފީހުން - ފުލުހުން


މިއަދު މާލޭގައި ބާއްވަން އުޅުނު ޔޯގާ ހަރަކާތާ ދެކޮޅަށް އެއްވި މީހުން ބޭނުންކުރި ސާމާނު ނެރުނީ ޕީޕީއެމް އޮފީހުންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް ބަޔަކު ވަނީ ގަލޮޅު ދަނޑު ކައިރިއަށް ދިދަތަކާއެކު އެއްވެ އެޙަރަކާތަށް ހުރަސް އަޅާފައެވެ. މިގޮތުން ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު ގަދަކަމުން ދަނޑަށް ވަދެ އެތަނުގައިހުރި ބައެއް ތަކެއްޗަށް އެމީހުން ގެއްލުންދީފައިވެއެވެ. ޔޯގާ ޙަރަކާތް ހުއްޓުވުމަށް އެއްވިމީހުން ހިންގި ހަމަނުޖެހުންތަކަކީ ސިޔާސީ މަޤްޞަދެއްގައި ހިންގި ކަމެއްކަމަށް ތުހުމަތުކުރެވެމުން ދަނިކޮށް، ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ އެއްވި މީހުން ބޭނުންކުރި ދިދަތަކާ އެއްގޮތް ދިދަތަކެއް ޕީޕީއެމް އޮފީހުން ނެރެމުންދާ މަންޒަރު ފެންނަ ފޮޓޯތަކެކެވެ. ފަހުން ފުލުހުން ނެރުނު ބަޔާނެއްގައިވަނީ މިހަމަނުޖެހުންތަކުގައި ބޭނުންކުރި އާލާތްތައް ނެރުނީ ޕީޕީއެމްގެ އޮފީހުންކަމަށް ވިދާޅުވެފައެވެ.

ގާތްގަނޑަކަށް ފަތިހު 5 ޖަހާ އެހާކަން ހާއިރު، ޕީޕީއެމް އޮފީހުން އެ ދިދަތަށް ނެރުމަށް، ޕީޕީއެމްއިން ހިންގާ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ބައެއް މީހުން ޙަރަކާތްތެރިވިކަމަށް ބައެއްމީހުން ތުހުމަތުކުރެއެވެ. އަދި އެމީހުން މި ފޮޓޯތަކުންވެސް ފެނެއެވެ.

ޔޯގާ ހަރަކާތް ހުއްޓުވުމަށް ބޭނުންކުރި ދިދަތަކަކީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީޕީއެމްއިން މާލޭގެ ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާއެއްގައި ބޭނުންކުރި ވައްތަރުގެ ދިދަތަކެކެވެ.

މިއަދުގެ ޔޯގާ ހަރަކާތާ ދެކޮޅަށް ބަޔަކު ނިކުމެ އެ ހަރަކާތް ހުއްޓުވާފައި ވީނަމަވެސް، މިއީ މީގެކުރިންވެސް ރާއްޖޭގައި ބާއްވާފައިވާ ޙަރަކާތެކެވެ. ބައިނަލްއަޤްވާމީ ޔޯގާ ދުވަހަކީ ކޮންމެ އަހަރެއްގެ ޖޫންމަހުގެ 21 ވަނަ ދުވަސްކަމށް އދ.އިން ކަނޑައެޅުމާއެކު ރާއްޖޭގައިވެސް ކޮންމެ އަހަރަކު އެ ހަރަކާތް އަންނަނީ ބާއްވަމުންނެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރުވެސް މިޙަރަކާތް އެކިއަހަރުތަކުގައި ބާއްވާފައިވެއެވެ. އަދި އޭރުގެ ސަރުކާރުގެ ވަޒީރުންނާއި އެކި މުއައްސަސާތަކުގެ އިސްބޭފުޅުންވެސް މިޙަތަކާތުގައި ބައިވެރިވެފައި ވެއެވެ.

ކޯވިޑާއި ގުޅިގެން ފާއިތުވި ދެ އަހަރު ރާއްޖޭގައި އެހަރަކާތް ބާއްވާފައެއް ނުވެއެވެ.

މިއަދުގެ ޔޯގާ ޙަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލާގައި 6 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މިމައްސަލަ ސީރިއަސް މައްސަލައެއްގެގޮތުގައި ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ހަމަނުޖެހުން ހުއްޓުވަން އެސަރަޙައްދުގައި ފުލުހުން ޢަމަލުކުރިގޮތުގެ އެތެރޭގެ ރިވިއުއެއް ހަދާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.