1442ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށްޖެހޭ ޢަދަދަކީ 3000 ރުފިޔާކަމަށް ކަނޑައަޅައި އެ ފައިސާ ޖަމާކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރެޖިސްޓްރީވެފައިވާ 8959 މީހުންގެ ތެރެއިން ބޮލަކަށް ޖެހުނު އަދަދުކަމަށެވެ.
1442ވަނަ އަހަރުގެ މުދަލުޒަކާތުގެ ގޮތުގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 8959 މީހުނަށް ބޮލަކަށްޖެހޭ އަދަދު 3000 ރުފިޔާގެ މަގުން ޖުމްލަ 26،877،000.00 (ސައްބީސް މިލިއަން އަށްލައްކަ ހަތްދިހަ ހަތްހާސް ރުފިޔާ) އެފަރާތްތަކުގެ އެކައުންޓްތަކަށް މިހާރު ޖަމާކުރެވިފައި ވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި އަހަރަކީ އެންމެ ގިނައިން މުދަލުޒަކާތުގެ ގޮތުގައި ފައިސާ ދޫކުރެވުނު އަހަރުކަމަށެވެ.
މީގެ ކުރީ އަހަރުތަކަށް ބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި 1441ވަނަ އަހަރު ބަހާފައިވަނީ، ބޮލަކަށް 2700 ރުފިޔާއެވެ. އެ އަހަރު ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިތިބީ 7778 މީހުންނެވެ. 1440 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހިފައިވަނީ 2000 ރުފިޔާއެވެ. އެ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިތިބި މީހުންގެ އަދަދަކީ 10944 މީހުންނެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިޖޫންމަހުގެ 12 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6396.25ރ ކަމަށް ކަނޑައަޅުއްވާފައެވެ. މީގެ ކުރިން މިއަހަރުގެ މަރޗުމަހު ކަނޑައަޅުއްވާފައިވާ ނިޞާބުގެ އަދަދަކީ 7241.15ރުފިޔާއެވެ.
ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު އާދެއެވެ. ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ %2.5 މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.