ޚަބަރު

ސްޓެލްކޯއިން މާލޭގެ ހުރިހާ އާސާރީ މިސްކިތެގެ އާބާތުރަފިލުވަނީ


މާލޭގައި ހުރި އާސާރީ ބިނާތަކާއި ސަރަޙައްދުތައް އާބާތުރަފިލުވައި ބެލެހެއްޓުމުގެ މަސައްކަތް ސްޓެލްކޯގެ ސީއެސްއާރްގެ ދަށުން ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ސްްޓެލްކޯއިންދަނީ 2019ވަނަ އަހަރުން ފެށިގެން، މާލޭގެ ހުކުރު މިސްކިތާއި މެދުޒިޔާރަތުގެ އާބާތުރަފިލުވައި ސާފުކޮށް ބަލަހައްޓައިދެމުންނެވެ. އެގޮތުން ހުކުރު މިސްކިތުގެ މުންނާރު، ކުރިން ފެންނަންހުރިގޮތަށް ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ހިރިގަލު ވަޅުތައް ސާފުކޮށް ބެލެހެއްޓުން ހިމެނެއެވެ. އެންމެ ފަހުން ކުރިއަށް ގެންދިޔައީ މާލޭގެ މެދުޒިޔާރަތް ދޮވެ ސާފުކޮށް، އެތަން އާބާތުރަފިލުވުމުގެ މަސައްކަތެކެވެ.

ސިލްސިލާކޮށް ކުރިއަށްގެންދާ ސާފުކުރުމުގެ މިފަހަރުގެ ޕްރޮގްރާމް ފަށްޓަވައިދެއްވީ ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ޔުމްނާ މައުމޫނެވެ. މިނިސްޓަރ ވިދާޅުވީ ހުކުރު މިސްކިތަކީ އަދި މިނޫންވެސް އިސްލާމީ ތާރީޚާގުޅޭ މުހިންމު ބިނާތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަހުރިކަމަށެވެ. މި މަސައްކަތުގައި ސްޓެލްކޯއިން ދައްކަމުންދާ ނަމޫނާ އެހެން ކުންފުނިތަކުންވެސް ބަލައިގަތުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.

"ސަރުކާރުން ކުންފުނިތަކުން ޚިދުމަތްދޭ ރަށްރަށުގައިވެސް މުހިންމު ބިނާތައް އެބަހުރި. އަޅުގަނޑުމެން މިދަނީ މަޝްވަރާކުރަމުން ކުންފުނިތަކާއި ކައުންސިލްތަކާކު، ރަށްރަށުގައި ހުރި މިފަދަ ތަންތަން ބެލެހެއްޓޭނެ ގޮތްތަކާ ގުޅޭގޮތުން." މިނިސްޓަރ ވިދާޅުވިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވީ މިއީ ސްޓެލްކޯގެ މުވައްޒަފުންގެ ވަރަށްމުހިންމު ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި އެ ކުންފުނިން މިހާރު ނިންމާފައިވަނީ، މާލޭގައި ހުރި އެހެން ބިނާތައްވެސް މިގޮތަށް ސާފުކޮށް ބަލަހައްޓައިދިނުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ.

"ކުރިމަގުގައި މަހަކު އެއްފަހަރު ހުކުރު މިސްކިތް ސާފުކުރުން ކުރިއަށްގެންދާނަން. އަދި ތާރީޚީ އެހެން ތަންތަން ބެލެހެއްޓުންވެސް ސްޓެލްކޯއިން މީގެ ފަހުން ކުރިއަށް ގެންދާނަން." ޝަރީފް ވިދާޅުވިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޠާރިޤް ވިދާޅުވީ އާސާރީ އެހެން ބިނާތައް ބެލެހެއްޓުމުގެ މަސައްކަތްތައް ސްޓްލްކޯއާ ރަސްމީކޮށް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މީގެތެރޭގައި މާލޭގެ ހުކުރު މިސްކިތާއި މެދުޒިޔާރަތުގެ އިތުރުން، އަލިރަސްގެފަނު ޒިޔާރަތާއި ޢީދު މިސްކިތްފަދަ ތަންތަން ހިމެނޭކަމަށް ތާރިޤް ވިދާޅުވިއެވެ.

"ސްޓެލްކޯއިން ވަނީ މާލޭގެ ޢީދު މިސްކިތާއި ދަރުމަވަންތަ މިސްކިތުގެ ޓިނު ބަދަލުކުރުމުގެ މަސައްކަތްވެސް ކުރުމަށް ނިންމާފައި." ތާރިޤް ވިދާޅުވިއެވެ.

މިހާތަނަށް އައިއިރު ސްޓެލްކޯއިންވަނީ ތިން ފަހަރެއްގެ މަތިން ހުކުރު މިސްކިތް ސާފުކުރުން ކުރިއަށް ގެންގޮސްފައެވެ. މިނިސްޓްރީންވަނީ މި މަސައްކަތުގައި އެހެން ކުންފުނިތަކުންވެސް އިސްނަގައިގެން އެހީވުމަށް އެދިވަޑައިގެންފައެވެ.