ޚަބަރު

ޔޯގާ ޙަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މީހުންނަށް ފިޔަވަޅު އަޅާނަން: ރައީސް


ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޙަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މީހުންނާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިންތިޒާމްކޮށްގެން މިއަދު ހެނދުނު 06:30ގައި ބޭއްވި ހަރަކާތާއި ދެކޮޅަށް ބަޔަކު ވަނީ އެސަރަހައްދަށް އެއްވެސް އަޑުއުފުލާފައެވެ. އަދި ފުލުހުންގެ ބެރިކޭޑްސްތައް ފޫއަޅުވާލައި އެއްވުމުގެ ބައިވެރިންވަނީ ގަލޮޅު ދަނޑަށް ވަދެ، އެ ހަރަކާތް ހުއްޓުވާފައެވެ.

މިހަރަކާތަށް ހުރަސް އަޅައި، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީކޮށް، މިކަމުގައި ޝާމިލުވާ އެންމެން ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ މުޒާހަރާގެ ތެރެއިން 6 ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ހަރަކާތް ހުއްޓުވިއިރު ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފާއި، އިންޑިއާ ހައިކޮމިޝަނަރާއި ބޭރު ޖަމްޢިއްޔާތަކުން ރާއްޖެއަށް ކަނޑައެޅުއްވި ބައެއް މަންދޫބުންވެސް އެތަނުގައި ތިއްބެވިއެވެ.

އެއްވުމުގެ ބައިވެރިން ވަނީ ދަނޑަށް ވަދެ، އެ ސަރަހައްދުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީފައެވެ. އަދި ބައެއް މީހުންނަށްވެސް ހަމަލާދީފައިވާކަމަށް މަންޒަރުދުށް ބައެއް މީހުން ބުނެފައިވެއެވެ. ރާއްޖޭގައި 2014ވަނަ އަހަރުން ފެށިގެން ކޮންމެ އަހަކު އަންނަނީ ބައިނަލް އަޤުވާމީ ޔޯގާ ދުވަސް ފާހަގަ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް މިފަދަ އެއްވެސް ހަރަކާތަކަށް މިގޮތަށް ހުރަސް އަޅާފައި ނުވާއިރު، މިއީ ވަކިމަޤުސަދެއްގައި ހިންގި އަމަލެއްކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވެސް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވެފައިވަނީ ޔޯގާގެ ހަރަކާތްތަކަކީ 2014ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިންގަމުންދާ ޙަރަކާތަކަށްވާއިރު މިއަހަރު އެކަނި މިކަން ގޯސްވާންވީ ސަބަބެއް ނެތްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޔޯގާއަކީ ދީނާ ޚިލާފު ކަމެއް ނޫންކަމަށާ، އެއީ ކަސްރަތެއް ކަމަށެވެ. މިއީ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕެއިނަކާ ގުޅިގެން ބަޔަކު ހިންގި ވަރަސް ދަށު ދަރަޖައިގެ އަމަލެއްކަމަށް މިނިސްޓަރ މަހުލޫފް ވަނީ ވިދާޅުވެފައެވެ.