ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޯވާ ވޯޓާ ރެސްޓޯރަންޓެއް


ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ހިސާބު މޫދުގައި "އޯވާ ވޯޓާ"ރެސްޓޯރަންޓެއް ހަދާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ޢިއުލާނުކޮށްފިއެވެ.

އެޗްޑީސީގެ ޢިއުލާނުގައި ވަނީ ވިޔަފާރި އުސޫލުން ކެފޭ ރެސްޓޯރަންޓް ހިންގުމާއި ސްވިމިންޕޫލާއި ކުޅިވަރު ފެސިލިޓީތަކުގެ ވިޔަފާރި ކުރުމުގެ ތަޖުރިބާހުރި ކޮންމެ ފަރާތަކަށްވެސް ބީލަން ހުށައެޅިދާނެކަމަށެވެ. އަދި އޯވާ ވޯޓާ ރެސްޓޯރަންޓެއް ހެދުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 10519 އަކަފޫޓުގެ ސަރަހައްދެއް ކުއްޔަށް ދޫކުރާނެކަމަށް ވެސް އެޗްޑީސީންވިދާޅުވެއެވެ.

އެންމެބޮޑު ކުއްޔާއި އެކްއިޒިޝަންކޯސްޓް ހުށައަޅާ ފަރާތަކަށް ހަވާލުކުރަން ނިންމާފައިވާ މި މަޝްރޫޢުގައި ބައިވެރިވެވޭނީ ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސްލައްކަ ރުފިޔާ ހުށައަޅައިގެންނެވެ. އަދި އެކިއުޒިޝަން ފީގެ ގޮތުގައި އެންމެ ކުޑަކޮށްވެސް ހުށައެޅޭނީ 180000 ރުފިޔާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

މި މަޝްރޫއަށް ޖުމްލަ 22.4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެޗްޑީސީން ލަފާކުރެއެވެ. އަދި މި މަޝްރޫޢަށް ބީލަމަށް ހުށައެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 21ވާ ބުރާސްފަތިދުވަހުއެވެ.