ޚަބަރު

ގައްދޫ ގޭދޮށު މަސްޕްލާންޓުގެ މަސައްކަތަށް މިނިސްޓްރީން ހުރަސް ނާޅަން: އަމީރު


ގ.ގައްދޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ގޭދޮށު މަސް ޕްލާންޓުގެ މަސައްކަތް ހުއްޓުވުމަށްޓަކައި ފިނޭންސް މިނިސްޓްރީން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް މަސައްކަތް ކުރަމުންދާ ގޭދޮށު މަސް ޕްލާންޓުގެ ތެރެއިން ގައްދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ، ގޭދޮށު މަސްޕްލާންޓުގެ މަސައްކަތް ކުރިއަށް ނުދާ ސަބަބު ސާފުކޮށްދެއްވުމަށް ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލުގެ ޖަވާބުގައެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތީން ޕްރޮކިއުމަންޓެއްގެ އަގު 5 މިލިޔަން ރުފިޔާއަށް ވުރެ ބޮޑުނަމަ އެކަމެއް ކުރުމަށް ހުއްދަ ދޭނީ ޓެންޑަަރ ބޯޑަށް ހުށަހަޅައި އެބޯޑުން ނިންމާ ގޮތެއްގެ މަތީންކަމަށެވެ. ގައްދޫ ކައުންސިލުން ކުރިއަށް ގެންދިޔަ ގޭދޮށު މަސްޕްލާންޓް ހަދައި އަދި ހިންގާނެ ފަރާތެއް 17 ޑިސެމްބަރު 2020 ގައި ކުރި އިއުލާނާއި ގުޅިގެން ޕްރޮކިއުމަންޓް މަރުހަލާ އަދި އެކަމާއި ގުޅޭ އެއްވެސް ކަމެއް ފިނޭންސް މިނިސްޓްރީގެ ފަރާތުން ކޮށްފައި ނުވާނެކަމަށް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ.

ގައްދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ގޭދޮށު މަސް ޕްލާންޓްގެ މަސައްކަތް ކުރުމަށްޓަކައި މިހާރު ކުރެވެމުންދަނީ ޑެންޑަރިންގެ މަރުހަލާއެވެ. ގޭދޮށު މަސް ޕްލާންޓް ގާއިމް ކުރުމަށްޓަކައި ކައުންސިލުންވަނީ ބިންވެސް ކަނޑައަޅާފައެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ އެކި ރަށްތަކުގައި ގޭދޮށު މަސްޕްލާންޓްތައް ގާއިމް އިކުރަމުންނެވެ. މިމަސައްކަތް ކުރެވޭ ބައެއް ރަށްތަކުގައި މަސައްކަތް ނިމި މަސްޕްލާންޓްތަކުގެ ބޭނުން ކުރަމުންދާއިރު، ބައެއް ރަށްތަކުގައި މަސް ޕްލާންޓް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރާ ގޭދޮށު މަސްޕްލާންޓުތަކަށް ބޭރުގެ މަލީ އެހީ ހޯދުމުގެ މަސައްކަތްވެސް ފިޝަރީޒް މިނިސްޓްރީން ދަނީ ކުރަމުންނެވެ.