ދުނިޔޭގެ ވިޔަފާރި

އިންޑޮނޭޝިއާއިން ސިންގަޕޫރަށް ކުކުޅު އެކްސްޕޯޓުކުރަން ތައްޔާރުވެއްޖެ


ސިންގަޕޫރުގައި ކުކުޅު ލިބުން ދަތިވުމާގުޅިގެން އިންޑޮނޭޝިއާއިން ސިންގަޕޫރަށް މިހަފްތާތެރޭގައި ކުކުޅު އެކްސްޕޯޓުކުރަން ފަށަން ތައްޔާރުވާކަމަށް އިންޑޮނޭޝިއާއިން ބުނެފިއެވެ.

ސިންގަޕޫރުގައި ކުކުޅު ލިބުން ދަތިވެފައިވަނީ އަވަށްޓެރި މެލޭޝިއާއިން ސިންގަޕޫރަށް ކުކުޅު އެކްސްޕޯޓުކުރުން މަޑުޖައްސާލުމުންނެވެ. އިންޑޮނޭޝިއާއިން ސިންގަޕޫރަށް ކުކުޅު އެކްސްޕޯޓުކުރަން ނިންމީ ސިންގަޕޫރަށް ކުކުޅު ލިބޭނެ އެހެންގޮތެއް ހޯދަން އެޤައުމަށް ދަތިވުމާއިގުޅިގެންނެވެ.

ދުނިޔޭގައި ކާބޯތަކެތި ލިބުން ދަތިވުމާއި ތަކެތި ފޯރުކޮށްދިނުމުގެ ދަތިކަމާހުރެ މެލޭޝިއާއިން ވަނީ ކުކުޅު އެކްސްޕޯޓުކުރުން މަޑުޖައްސާލާފައެވެ. އަދި އެކްސްޕޯޓުކުރަން އަލުން ފަށާނީ ތަކެތީގެ އަގު ތިރިވެ އުފެއްދުންތައްވެސް ރަގަޅުވުމުން ކަމުގައި މެލޭޝިއާއިން ބުނެއެވެ.

ކުކުޅު އެކްސްޕޯޓުކުރުމުގައި ކުރަންޖެހޭ ޓެކްނިކަލް މަޝްވަރާތައްކޮށް ނިމިފައިވާ ކަމަށާއި މިމަސް ތެރޭގައި ސިންގަޕޫރަށް ކުކުޅު އެކްސްޕޯޓުކުރަން ފެށޭވަރުވާނެ ކަމަށް އުންމީދުކުރާކަމަށް އިންޑޮނޭޝިއާގެ އިކޮނޮމިކް އެފެއާޒް އާއިބެހޭ ވުޒާރާއިން ބުނެއެވެ.

ސިންގަޕޫރު ފުޑް އޭޖެންސީ (އެސްއެފްއޭ)އިން ނެރުނު ބަޔާނެއްގައި ބުނީ ކުކުޅު އިމްޕޯޓުކުރުމުގެ ކަންކަންކަމުގައި އިންޑޮނޭޝިއާގެ ކަމާއިބެހޭ އޮތޯރިޓީތަކާއި ވަރަށް ގާތުން މަސައްކަތްކުރަމުންދާ ކަމަށެވެ. ކުކުޅު ލިބުން ދަތިވުމުގެ ސަބަބުން ސިންގަޕޫރުގެ ރެސްޓޯރެންޓުތަކާއި މަގުތަކުގައި ކާބޯތަކެތި ވިއްކާ މީހުންނަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އަދި ސިންގަޕޫރުގެ ޤައުމީ ކާނާއެއް ކަމަށްވާ ޗިކަން ރައިސްގެ އަގު ވަނީ އުފުލިފައެވެ.

ކޮންމެ ހަފްތާއަކު 55 މިލިއަނާއި 60 މިލިއަނާއި ދެމެދުގެ އަދަދަކަށް އިންޑޮނޭޝިއާގައި ކުކުޅު އުފައްދައެވެ. މީގެތެރެއިން އެތެރޭގެ ބޭނުންތަކަށް ނަގާފައި %15 އާއި %20 ދެމެދެގެ ބައެއް އިތުރުވާކަމަށް އެ ޤައުމުން ބުނެއެވެ.

އިންޑޮނޭޝިއާއިން ސިންގަޕޫރަށް މަހަކު 3.6 މިލިއަނާއި 4 މިލިއަނާއި ދެމެދުގެ އަދަދަކަށް ކުކުޅު އެކްސްޕޯޓުކުރާނެއެވެ. ދެކުނު އިރުމަތީ އޭޝިއާގެ އެންމެ އާބާދީ ގިނަ ޤައުމަކީ އިންޑޮނޭޝިއާއެވެ. އިންޑޮނޭޝިއާގެ އާބާދީގައި 270 މިލިއަން އެބަތިއްބެވެ. އިންޑޮނޭޝިއާއިން މިވަގުތު އުފައްދާ ކުކުޅުން އެ ޤައުމުގެ އާބާދީއަށް ފުދި އިތުރުވެއެވެ.