ޚަބަރު

އައްޑޫގައި ޒުވާނަކު މަރާލި މައްސަލާގައި އިތުރު 6 މީހަކު ހައްޔަރުކޮށްފި


އައްޑޫ ސިޓީގައި ހިނގި ސިލްސިލާ މާރަމާރީތަކެއްގައި، ފަރުވާ ދެމުންދަނިކޮށް މަރުވި ޢުމުރުން 21 އަހަރުގެ ޒުވާނާގެ މަރުގެ މައްސަލާގައި އިތުރު 6 މީހަކު ހައްޔަރުކޮށްފިއެވެ.

އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ޙަމަލާދީ މިޒުވާނާ މަރާލާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުގެރޭ ހިނގި މާރާމާރީއެއްގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލައާއި ގުޅިގެން 24 އަހަރުގެ މީހަކައި، 28 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

އަދި މިމަހުގެ 18ވަނަ ދުވަހު 4 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށެވެ. އޭގެ ތެރޭގައި 18 އަހަރުގެ ދެމީހަކާއި، 22 އަހަރުގެ މީހަކާއި، 24 އަހަރުގެ މީހަކު ހިމެނެއެވެ. މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 24 އަހަރުގެ މީހާވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ. އަދި 18 އަހަރުގެ އެކަކާއި، 22 އަހަރުގެ މީހާއަށް ވަނީ 15 ދުވަސް ދީފައެވެ. މީގެ ތެރެއިން 18 އަހަރުގެ އެކަކުވަނީ ކޯޓުން ދޫކޮށްލާފައެވެ.

މިމާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެންނާއި، މަސްތުވާތަކެއްޗާއި ގުޅުންހުރި މާރާމާރީއެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.