ދުނިޔެ

ކެނެޑާއިން ސިންގަލް-ޔޫޒް ޕުލާސްޓިކު ބޭނުން ކުރުން ހުއްޓައިލަނީ


ސިންގަލް-ޔޫޒް ޕުލާސްޓިކު ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕުލާސްޓިކުގެ އުފެއްދުންތައް ބޭނުން ކުރުން ހުއްޓައިލަން ކެނެޑާއިން ނިންމައިފިއެވެ. މި ނިންމުމާ އެކު، ޑިސެންބަރު މަހުން ފެށިގެން އެ ފަދަ ތަކެތި އުފެއްދުމާއި އެ ޤައުމަށް އެތެރެ ކުރުން މަނާ ވާނެއެވެ. މި ނިންމުމުގެ ދަށުން ބޭނުން ކުރުން މަނާވާނެ ތަކެތީގެ ތެރޭގައި ކޮތަޅާއި، އުލާއި ސަމުސާ ފަދަ ތަކެއްޗާއި، ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރާ ތަށި ފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ޕުލާސްޓިކު ހޮޅިއާއި ފުޅިމަދު ބޭނުންކޮށްގެން އުފައްދާފައިވާ ޕާރުސަލް ތަށި ފަދަ ތަކެވިވެސް ޑިސެންބަރު މަހުން ފެށިގެން އެ ޤައުމަށް އެތެރެކުރުމާއި އުފެއްދުން މަނާވާނެއެވެ.

މި ނިންމުމާ ގުޅިގެން، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ޕްލާސްޓިކު ކުނި އުފެދޭ މިންވަރު 23,000 ޓަނުން މަދު ކުރެވޭނެ ކަމަށް ކެނެޑާގެ ސަރުކާރުން ލަފާ ކުރެއެވެ. ކެނެޑާއިން މިއަދު ޢާންމު ކުރި ޤަވާޢިދުގައިވާ ގޮތުން، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕުލާސްޓިކުގެ އުފެއްދުންތައް ވިއްކުން ވެސް އަންނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން މަނާ ކުރެވޭނެއެވެ. އަދި، އެ ފަދަ ތަކެތި އެކްސްޕޯޓު ކުރުން 2025 ވަނަ އަހަރުން ފެށިގެން މަނާވާނެއެވެ.

ކެނެޑާގައި 2019 ވަނަ އަހަރު 3.3 މިލިޔަން ޓަނުގެ ކުނި އުފެދިފައިވާ އިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ޕުލާސްޓިކު ޕެކޭޖިންގއެވެ. އަދި، މި ޕުލާސްޓިކުގެ ތެރެއިން، ދެވަނަ ފަހަރަށް ބޭނުން ކުރުމަށް "ރީސައިކަލް" ކޮށްފައި ވަނީ އެންމެ ދިހަ ބައިކުޅަ އެއްބައެވެ. މީގެ ތެރެއިން 29,000 ޓަނުގެ ޕުލާސްޓިކު އުކައިލާފައި ވަނީ މަގުތަކާއި ޕާކުތަކާއި ޖަންގަލިތަކާއި އެ ނޫންވެސް ޢާންމު ތަންތަނަށެވެ.

2019 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު، އެ އަހަރު ކެނެޑާގައި ވިއްކާފައިވާ ޕުލާސްޓިކު ކޮތަޅުގެ އަދަދު 15.5 ބަލިޔަނަށް އަރައެވެ. އަދި، 4.9 ބިލިޔަން ޕުލާސްޓިކު އުލާއި ސަމުސާ ވިއްކާފައި ވާއިރު، 5.8 ބިލިޔަން ޕުލާސްޓިކު ހޮޅިއާއި 805 މިލިޔަން ޕާރުސަލް ތަށި ވިއްކާފައިވެއެވެ.