ކުޅިވަރު

ރިސޯޓް ލީގު: ވިލު ރީފް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ނިޔާމައަށް


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ދާލު ޒޯނުގެ ފައިނަލުގެ ފަހު ޖާގަ ނިޔާމަ ޕްރައިވެޓް އައިލެންޑުން ހޯދައިފިއެވެ.

ފައިނަލަށް ނިޔާމަ ދަތުރުކުރީ އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި ސަން ސިޔާމް ވިލު ރީފުގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ނިޔާމަ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި ދެ ލަނޑުގެ ލީޑެއް ނިޔާމަ ނެގި ފަހުން، ވިލު ރީފުން ވަނީ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައެވެ. އެކަމަކު މެޗުގައި ނިޔާމަ ފެނުނީ އެއަށްވުރެ ހުށިޔާރުކޮށެވެ.

މި މޮޅާއެކު ފައިނަލުގައި ނިޔާމަ ބައްދަލުކުރާނީ ކަނޑިންމަ މޯލްޑިވްސް އާއެވެ. ފައިނަލަށް ކަނޑިންމަ ދަތުރުކޮށްފައިވަނީ ހަތަރު ޓީމު ވާދަކުރި ދާލު ޒޯނުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ތާވަލުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ދެވަނަ އަދި ތިންވަނަ ޓީމު ވާދަކުރީ ސެމީ ފައިނަލުގައެވެ.

ރިސޯޓު ލީގުގެ ދާލު ޒޯނުގައި 2020 ވަނަ އަހަރު އެންމެފަހުން ބޭއްވި މުބާރާތުގެ ފައިނަލުގައިވެސް ވާދަކޮށްފައިވަނީ މި ދެ ޓީމެވެ. އެފަހަރު ތަށި ކާމިޔާބުކޮށްފައިވަނީ ކަނޑިންމައިންނެވެ. އެހެންކަމުން މިފަހަރު ކަނޑިންމަ ކުރިމަތިލަނީ ތަށި ދިފާއުކުރުމުގެ އަޒުމުގައެވެ.

މީގެ އިތުރުން ނިޔާމައިން ވަނީ މި މުބާރާތް 2017 އަދި 2019 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ. އަދި ކަނޑިންމަވެސް ވަނީ ދެ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ 2018 އަދި 2020 ވަނަ އަހަރެވެ.

ރިސޯޓު ލީގު ދާލު ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައެވެ.