ދުނިޔެ

681 މިލިއަން ޑޮލަރަކީ ސަޢޫދީ ޝާހީ އާއިލާއިން ދިން ހަދިޔާއެއް !


މެލޭޝިޔާގެ ބޮޑު ވަޒީރު ނަޖީބް ރަޒާކްއާ ދެކޮޅަށް ހުށަހަޅާފައިވާ ހިޔާނާތުގެ މައްސަލައިގައި ބޮޑުވަޒީރު ކުށްވެރި ނުވާ ކަމަށް އެގައުމުގެ އެޓާރނީ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.މެލޭޝިޔާގެ އެޓާރނީ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ނަޖީބްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ 681 މިލިއަން ޑޮލަރަކީ ސައުދީގެ ޝާހީ އާއިލާއިން އޭނާއަށް ދީފައިވާ ހަދިޔާއެއް ކަމަށެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މި ފައިސާއަކީ މެލޭޝިޔާގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޤާއިމުކޮށްފައިވާ އިންވެސްޓްމަންޓް ފަންޑް ވަން.އެމް.ޑީ.ބީއިން ނަގާފައިވާ ފައިސާ ކަމަށެވެ.މެލޭޝިޔާގެ ބޮޑު ވަޒީރު ނަޖީބް ވަނީ އިދިކޮޅު ފަރާތްތަކުގެ މި ތުހުމަތުތައް ތަކުރާރުކޮށް ދޮގުކުރައްވާފައެވެ. ނަޖީބާ ދެކޮޅަށް ކުރާ ތުހުމަތުކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެގައުމުގެ އެޓަރނީ ޖެނެރަލް މުހައްމަދު އަޕާންޑީ ޢަލީ ވިދާޅުވީ، މިމައްސަލައިގައި އެންޓި ކޮރަޕްޝަން އިދާރާގެ މަސްއޫލުވެރިން ވަނީ މައްސަލައާ ގުޅޭ ހެކިންނާ ސުވާލުކޮށްފައިކަމަށާ ހަދިޔާ ދިން ކަމަށް ބުނާ ސައުދީގެ ޝާޙީ އާއިލާގެ މެމްބަރާ ވެސް ސުވާލު ކުރި ކަމަށެވެ.