ދުނިޔެ

ތައިލެންޑުން ފެނުނީ އެމް.އެޗް 370 ގެ ބައެއް ނޫން- މެލޭޝިޔާ


ތައިލޭންޑްގެ ދެކުނުގެ އައްސޭރިފަށުގެ ސަރަހައްދުން ފެނިފައިވާ މަތިންދާބޯޓުގެ ބައެއް ކަމަށް ބެލެވޭ ބަޔަކީ، 2014 ވަނަ އަހަރުގެ މާޗް މަހު ގެއްލުނު މެލޭޝިޔާ އެޔަރލައިންގެ މަތިންދާބޯޓް MH370 ގެ ބައެއް ނޫން ކަމަށް މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓްރީއިން ހާމަކޮށްފިއެވެ.މިކަމާ ގުޅިގެން ހިންގި ތަޙްޤީޤަށްފަހު މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތައިލޭންޑްގެ އައްސޭރިފަށުން ފެނިފައިވަނީ ބޮއިންގް ސެވަން ސެވަން ސެވަން މަރުކާގެ މަތިންދާބޯޓެއްގެ ބައެއް ނޫން ކަމަށެވެ. އަދި މި ބައިތަކުން ފެނުނު ނަންބަރުތައް މެލޭޝިޔާ އެޔަރލައިންއިން އެކުލަވާލާފައިވާ ތާވާލުގައިވެސް ނުހިމެނޭ ކަމަށް މެލޭޝިޔާ ސަރުކާރުގެ ބަޔާނުގައި ބުނެފައެވެ.މެލޭޝިޔާއިން ފުރައިގެން ޗައިނާއަށް ދަތުރުކުރި ފްލައިޓް MH370 ގެއްލިފައިވަނީ 239 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް 2014 ވަނަ އަހަރު މާޗް މަހުގެ 8 ވަނަ ދުވަހުއެވެ. މިއަދާ ހަމައަށް ވެސް މި ބޯޓުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާއިރު މިއީ ވައިގެ އުދުހުމުގެ ތާރީޚުގައި ވެސް ހިނގި މިފަދަ އެންމެ ސުވާލު އުފައްދާ ޙާދިސާ އަށް ވަނީ ވެފައެވެ.