ޚަބަރު

ކުރީގެ ތިން ވަޒީރަކާއެކު ޕީޕީއެމް ކައުންސިލަށް 17 މެމްބަރަކު އިންތިޚާބުކޮށްފި


ޕްރޮގްރެސިވް ޕާޓީގެ ކައުންސިލުން ހުސްވެފައިވާ 17 މަޤާމަށް މެމްބަރުން އިންތިޚާބު ކޮށްފިއެވެ.

ޕީޕީއެމް އޮފީހުގައި ރޭ ކުރިއަށްދިޔަ ވޯޓުގައި އިންތިޚާބު ކުރި 17 މަޤާމަކީ އެޕާޓީގެ ކައުންސިލުން ހުސްވެފައިވާ 2 ގޮޑިއާއި، ޕީޕީއެމްގެ އަސާސީ ގަވާއިދަށް އެންމެފަހުން ގެނެވުނު އިސްލާހުތަކާއިއެކު އިންތިޚާބު ކުރަންޖެހޭ 10 މެމްބަރުންގެ އިތުރުން އަންހެނުންނަށް ޚާއްސަކޮށްގެން އިންތިޚާބު ކުރި 5 މަޤާމެވެ.

އަލަށް ކައުންސިލަށް އިންތިޚާބުވި ބޭފުޅުންގެ ތެރޭގައި ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިގު އިބްރާހިމްއާއި، ކުރީގެ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމާއި، ރައީސް ޔާމީންގެ ވެރިކަމުގައާއި، މިސަރުކާރުގައިވެސް ވަޒީރުކަން ކުރެއްވި މުހައްމަދު މަލީހު ޖަމާލުވެސް ވަނީ އިންތިޚާބު ވެފައެވެ.

އަންހެނުންނަށް ޚާއްސަކުރި 5 ގޮޑިއަށް އިންތިޚާބުވި މެމްބަރުންގެ ތެރޭގައި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާޒު އަދުނާނާއި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ޝެރީނާ ޢަބްދުއްސަމަދުވެސް ހިމެނެއެވެ.

މިއިންތިޚާބުގައި ކައުންސިލަށް ހޮވި 12 މަޤާމަށް 85 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އަދި އަންހެނުންނަށް ޚާއްސަކުރި 5 ގޮޑިއަށް 27 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. މި އިންތިޚާބުގައި 64 މީހަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވާއިރު ވޯޓް ދީފައިވަނީ 51 މީހުންނެވެ.