ޚަބަރު

އާރަށުގެ މައްސަލަ: ލެޕްޓޮޕްގެ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި އޮފިސަރުގެ ހެކިބަސް ނަގައިފި


ވ. އާރަށް ކުށްޔަށް ދޫކުރި މުޢާމަލާތާއި ގުޅިގެން އޭރުގެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޒިޔަތުގެ ލެޕްޓޮޕްގެ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ފުލުސް އޮފިސަރުގެ ހެކިބަސް ނަގައިފިއެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. އަދި މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މިމައްސަލައިގެ ޝަރީއަތުގައި މިހާރު ކުރިއަށްދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މިއަދު 11:30ގައި ހެކިބަސް ނެގުމަށްޓަކައި ފެށުނު އަޑުހެން ނިންމާލީ މެންދުރުފަހު 16:00 ހާއިރުގައެވެ. މިއަދުގެ އަޑުއެހުމަށް ތާވަލް ކޮށްފައިވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ފުލުހުންގެ ފޮރެންސިކް އެގްޒެމިނާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އިބްރާހިމް ޒުހައިރުގެ ހެކިބަސް ނެގުމެވެ. އޭނާއަކީ މިމައްސަލާގައި ހިމެނޭ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޒިޔަތުގެ ލެޕްޓޮޕްގެ ފޮރެންސިކް ރިޕޯޓް ތައްޔާރު ކުރި ފުލުސް އޮފިސަރެވެ.

ދައުލަތުގެ ފަރާތުންނާއި، ދައުވާ ރައްދުވާ ފަރާތުންވެސް ގިނަ ސުވާލުތަކެއް އަމާޒުވި މިއަދުގެ އަޑުއެހުމުގައި އޮފިސަރުގެ ތައުލީމީ ފެންވަރާއި، މިފަދަ ރިޕޯޓެއް ތައްޔާރުކުރުމުގެ ގާބިލްކަމާއި ގުޅޭގޮތުންވެސް ވަނީ ސުވާލުކޮށްފައެވެ. ފޮރެންސިކް މި ރިޕޯޓުގައި ވަނީ ޒިޔަތުގެ ވައިބާ ނަންބަރުން އެހެން ތިން މީހަކާ ކޮށްފައިވާ މުއާމަލާތްތައް ހިމަނާފައެވެ.

ފޮރެންސިކް ރިޕޯޓް ތައްޔާރު ކުރި ހެކިވެރިޔާ ވިދާޅުވީ މިމައްސަލަ ތަހުލީލު ކުރިއިރު 7775161 ނަންބަރުގެ ޕީސީ ޑާޓާބޭސްއެއް ފެނިފައިވާކަމަށެވެ. މިނަންބަރުގެ މުއާމަލާތުގެ ތަހުލީލް ކުރިއިރު، 2015 ވަނަ އަހަރުގެ ފެބްރުއަރީ 9 ވަނަ ދުވަހުން ފެށިގެން އެއަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 132،169 އިވެންޓް ރެކޯޑު ކުރެވިފައިވާކަމަށެވެ. ދެފަރާތުންވެސް ގިނަ ސުވާލުތަކެއް ހެކިވެރިޔާއަށް އަމާޒުވި މިއަޑުއެހުމުގައި، މިރިޕޯޓުގެ ސައްޚަ ކަމާއި އަދި ރިޕޯޓާއި ގުޅޭ އިލްމީ ގިނަ ސުވާލުތަކެއް ދެފަރާތުންވެސް ވަނީ ހެކިވެރިޔާއަށް އަމާޒުކޮށްފައެވެ.

މި މައްސަލާގައި ދައުލަތުގެ ފަރާތުން ވަނީ 13 ހެއްކަކު ހުށައަޅާފައެވެ. ދިފާއުގައި ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށައެޅުއްވީ 7 ހެކިންނެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ހެކީގެ ގޮތުގައި ހުށައަޅާފައިވަނީ އެމަނިކުފާނާއި ޔޫސުފް ނައީމާ ދެމެދު ހިނގާދިޔަކަމަށް ބުނާ މުއާމަލާތާއި ގުޅޭ ލިޔެކިޔުންތަކާއި އޭސީސީގެ ބަޔާނަކާއި ކްރިމިނަލްކޯޓުގެ ދެ ހުކުމަކާއި ހައިކޯޓްގެ ދެ ހުކުމަކާއި ރައީސް އޮފީހުގެ ލިޔުންތަކެކެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މި މައްސަލާގައި ހުށައަޅާފައިވާ ހެކިންގެ ހެކިބަސްތައް މިމަހު ނަގާ ނިންމުމަށް ތާވަލުކުރައްވާނެކަމަށެވެ. އެގޮތުން އަންނަ ހަފްތާއިން ފެށިގެން މިމަހުގެ 30ގެ ނިޔަލަށް ހެކިބަސް ނަގާ ނިންމަން ގަސްތުކުރައްވާކަމަށް ގާޒީ ވިދާޅުވިއެވެ.

ހެއްކާއި ބެހޭ ގޮތުން ދެ ފަރާތުން ވާހަކަ ދައްކާ މައްސަލައިގެ ހުލާސާ ބަޔާން އަންނަ އޮގަސްޓްމަހު ހުށައަޅަން ތާވަލުކުރަން ގާޒީ ވަނީ ނިންމާފައެވެ. އަދި އޭގެ ފަހުން 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަވާނެކަމަށްވެސް ގާޒީ ވިދާޅުވިއެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ 09:30 ގައި ކްރިމިނަލް ކޯޓުގައި ކަމަށް އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްވަނީ އިޢުލާންކުރައްވާފައެވެ.