ދުނިޔޭގެ ވިޔަފާރި

ދެ އަހަރު ފަހުން ވެނުޒުވޭލާއިން، ޔޫރަޕަށް ތެޔޮ އެކްސްޕޯޓް ކުރަން ފަށަނީ


ދެ އަހަރަށް ފަހު ވެނުޒުވޭލާއިން ޔޫރަޕްގެ ޤައުމުތަކަށް ތެޔޮ އެކްސްޕޯޓް ކުރަން ފަށަން ނިންމައިފިއެވެ.

ސްޕެއިންގެ ރެޕްސޯލް ތެޔޮ ކުންފުންޏާއި އިޓަލީގެ ތެޔޮ ކުންފުނި އެނީއިން ޔޫރަޕަށް ތެޔޮ އެކްސްޕޯޓުކުރަން މި ފަށަނީ ވެނުޒުވޭލާއާއި ދެކޮޅަށް ވޮޝިންގްޓަނުން ފިޔަވަޅު އަޅައި ތެޔޮ އެކްސްޕޯޓްކުރުން ހުއްޓުމަކަށް އައިސްފައި އޮންނަތާ 2 އަހަރު ފަހުންނެވެ.

ޔޫރަޕަށް ތެޔޮ އެކްސްޕޯޓުކުރުމުގެ ހުއްދަ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ހަމައެކަނި ދިނީ ރެޕްސޯލް ކުންފުންޏަށާއި އެނީ ކުންފުންޏަށެވެ. ޔޫރަޕުން މި ހުއްދަ ދިނީ ވެނުޒުވޭލާއިން އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށް ފަސޭހަޔަކަށެވެ.

އެނީ އިން ޗާޓަރުކޮށްފައިވާ ތެޔޮ ޓޭންކަރެއް މިހާރު ދަނީ ވެނުޒުވޭލާއަށް ދަތުރުކުރަމުންނެވެ. އަދި 2 މިލިއަން ފީފާގެ ތެޔޮ ބަރުކޮށްގެން މި ޓޭންކަރު ޔޫރަޕަށް ދަތުރު ފަށާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ. މި ތެޔޮ ޓޭންކަރު ޔޫރަޕަށް ފޯރާނީ މި މަސް ނިމޭ ހިސާބުގައެވެ.

އެނީ އިން ޖުމްލަ 650000 ފީފާގެ ތޮޔޮ ވެނުޒުވޭލާއަށް އެކްސްޕޯޓުކުރާނެއެވެ. ނަމަވެސް މިކަމާއި ބެހޭގޮތުން އެއްވެސް ކުންފުންޏަކުން އަދި އެއްޗެއް ނުބުނެއެވެ.

ވެނުޒުވޭލާ ސަރުކާރުގެ ތެޔޮ ކުންފުނި ޕީޑީވީއެސްއޭ އިން ބައެއް ކޮންޓްރެކްޓުތަކަށް ބަދަލު ގެނައުމުގެ ސަބަބުން މެއި މަހު ވެނުޒުވޭލާއިން ތެޔޮ އެކްސްޕޯޓްކުރި މިންވަރު ވަނީ މަދުވެފައެވެ.
އެނީ އާއި ރެޕްސޯލް އަކީ ޕީޑީވީއެސްއޭ އާއި އެކު ހިންގާ ޖޮއިންޓް ވެންޗަރ ދެ ކުންފުންޏެވެ.

ޕީޑިވީއެސްއޭ އާއިއެކު ހިންގާ ޔޫރަޕާއި އޭޝިއާ އަދި އެމެރިކާގެ ޖޮއިންޓް ވެންޗަރ ކުންފުނިތަކުން ވަނީ އެތައް ބިލިއަން ޑޮލަރެއް ނުދެއްކި ދަރަނިވެރިވެފައެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ވެނުޒުވޭލާއިން ތެޔޮ އެކްސްޕޯޓް ކުރުން އެމެރިކާއިން މަނާކުރުމެވެ.

ވެނުޒުވޭލާއިން ޔޫރަޕަށް ތެޔޮ އެކްސްޕޯޓުކުރަން ފެށުމުން ތެޔޮ އެކްސްޕޯޓުކުރުމުގައި ޔޫރަޕުން ރަޝިއާއަށް ބަރޯސާވާ މިންވަރު ކުޑަވާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އުންމީދުކުރާކަމަށް ޚަބަރުތައް ބުނެއެވެ.