ދުނިޔޭގެ ވިޔަފާރި

އަގު އުފުލޭތީ އަފްޣާނިސްތާނުން ފިޔާ އެކްސްޕޯޓުކުރުން މަޑުޖައްސާލައިފި


ފިޔާގެ އަގު އުފުލި އެތެރޭގެ ޑިމާންޑާ އެއްވަރަށް ފިޔާ ފޯރުކޮށްދިނުމުގެގޮތުން ފިޔާ އެކްސްޕޯޓުކުރުން އަފްޣާނިސްތާނުން މަޑުޖައްސާލައިފިއެވެ.

އަފްޣާނިސްތާނުގެ ޗެމްބަރ އޮފް އެގްރިކަލްޗަރ އެންޑް ލައިވް ސްޓޮކްއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ވާރޭނުވެހި ގިނަ ދުވަސްވުމާއެކު ހަނަފަސްވުމުގެ ސަބަބުން އެ ޤައުމުގައި ފިޔާ އުފައްދާ މިންވަރު މަދުވެފައިވާކަމަށެވެ. އަދި މީގެ ސަބަބުން ފިޔާގެއަގު އުފުލިފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

އަފްޣާނިސްތާނުން އުފައްދާ ފިޔާ އެކްސްޕޯޓުކުރުން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ޗެމްބަރ ގެ މެމްބަރު މިރުވައިސް ވަނީ ވިދާޅުވެފައެވެ. އަދި މިގޮތަށް ނިންމީ 7 ކިލޯ ފިޔާގެއަގު 200 އަފްޣާނީއަށް އެރުމުންކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ދިވެހި ރުފިޔާއިން ބަލާނަމަ 200 އަފްޣާނީ އަކީ ގާތްގަޑަކަށް 35 ރުފިޔާއެވެ.
އަހަރުގެ މިހާ ހިސާބުގައި އާންމުކޮށް އަފްޣާނިސްތާނުގައި 7 ކިލޯ ފިޔާ ލިބޭނީ 30 އަފްޣާނީއަށެވެ.

އަފްޣާނިސްތާނުން ފިޔާ އެކްސްޕޯޓުކުރާ ޤައުމުތަކަކީ ޕާކިސްތާން، އިންޑިއާ، ރަޝިއާ އަދި މެދުތެރޭ އޭޝިއާގެ ޤައުމުތަކެވެ.