ވިޔަފާރި

އެސްޓީއޯ ސްޕަމާރޓް ފަންގިފިލާތައް އިތުރުކޮށް، ވިޔަފާރިތަކަކަށް އިތުރު ފުރުސަތު


އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާކެޓު އިތުރަށް ބޮޑުކޮށް އާންމު ވިޔަފާރިތަކަށް ޖާގަ ދޫކުރައްވާނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު ވިދާޅުވީ ސްޕަމާރޓް އިތުރު ފަންގިފިލާތަަކަށް ހެދުމުގެ މަސައްކަތް ކުރައްވަނީ އެތަނުގައި ވިޔަފާރިކުރުމަށް ވިޔަފާރިތަކުގެ ޑިމާންޑް ބޮޑުވަމުން ދިއުމާއި ގުޅިގެންކަމަށެވެ.

ބޮޑެތި ބަދަލުތަކަކާއިއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާކެޓު ބޮޑުކޮށް މިދިޔަ މާރޗް މަހުގެ 15ވަނަ ދުވަހު ވަނީ ހުޅުވާފައެވެ. ބޮޑުކުރުމަށްފަހު އަލުން ޕީޕަލްސް ޗޮއިސް ހުޅުވާފައިވާއިރު އެ ތަނުގައި މިހާރު އާންމު ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތައް ވިއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފައެވެ. މީގެތެރޭގައި ބޭކަރީތަކާއި، ބުކްޝޮޕްތައް އަދި ރީތިވުމަށް ބޭނުންވާ ސާމާނާއި، ކުޑަކުދިން ކުޅޭ ސާމާނުވެސް އެސްޓީއޯގެ ޕީޕަލްސް ޗޮއިސްގައި މިހާރު ހުރެއެވެ.

އެސްޓީއޯގެ ސްޕަމާރޓް ބޮޑުކޮށް އަލުން ހުޅުވިއިރު އެ ކުންފުންޏާ ގުޅިގެން 9 ވިޔަފާރިއަކުން ތަކެތި ވިއްކަން ވަނީ ފަށާފައެވެ. އަމްރު ވިދާޅުވީ އެންމެ ފުރަތަމަ ވިޔަފާރިތަކުން ސްޕަމާރޓްގައި ތަކެތި ވިއްކުމަށް މާބޮޑު ތަރުހީބެއް ނުލިބޭކަމަށެވެ. ނަމަވެސް މިހާރު އެ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ވާފައިދާ އެނގުމުން އެހެން ވިޔަފާރިތަކާއި އަދި މިހާރު ހުރި ވިޔަފާރިތަކުންވެސް ޖާގަ ބޮޑުކުރުމަށް ބޭނުންވާކަމަށެވެ. އެގޮތުން ގިނަ ކުންފުނިތަކަކުން މިހާރުވެސް އެސްޓީއޯއާއި ގުޅިގެން ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ މި ވިޔަފާރިތަކަށް މި ފުރުސަތު ފަހިކޮށްދިނުމަށެވެ.

ސަރުކާރުގެ އަމާޒަކީ ކުދި ވިޔަފާރިތަކަށް އެސްޓީއޯ މެދުވެރިކޮށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. އަމްރު ވިދާޅުވީ، ފުރަތަމަ ފަންގިފިލާ ހުޅުވާއިރު އިމާރާތުގެ އިންޓީރިއާއަށް ގިނަ ބަދަލުތަކެއް ގެންނަންޖެހޭކަމަށެވެ.

އެސްޓީއޯއަކީ ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކުވެސް ބާޒާރުކުރަން ދާ ތަނެކެވެ. އެހެންކަމުން އެސްޓީއޯގެ ޕީޕަލްސް ޗޮއިސްގައި އާންމު ވިޔަފާރިތަކަށް ތަކެތި ވިއްކޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ އެ ވިޔަފާރިތަކަށްވެސް ލިބިގެންދާ ބޮޑު ކުރިއެރުމެކެވެ. އެސްޓީއޯއިން ވަރަށް ފަހުން ވަނީ އާންމުންގެ ޑިމާންޑް އިތުރުވުމުގެ ސަބަބުން ހުކުރު ދުވަހަކީވެސް ޕީޕަލްސް ޗޮއިސް ހުޅުވާ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.