ޚަބަރު

ފަތުރުވެރިކަން ކުރިއަރައި، ދައުލަތަށް ޑޮލަރުން ލިބުނު ޢާމްދަނީ ރެކޯޑު ޢަދަދަކަށް


މިއަހަރުގެ ފުރަތަމަ 5 މަސް ދުވަސްތެރޭ ދައުލަތަށް ޑޮލަރުން ލިބުނު ޢާމްދަނީ ރެކޯޑު ޢަދަދަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިމިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ކުރިއެރުންތަކާ އެކުއެވެ.

މިރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މެއި މަހުގެ ނިޔަލަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީގެ ޢަދަދަކީ 374 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ)އެވެ. މީގެކުރިން މި މުއްދަތުގައި ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ 2019ވަނަ އަހަރުއެވެ. އެގޮތުން އެ އަހަރުގެ މި މުއްދަތުގައި 293 މިލިއަން ޑޮލަރު ނުވަތަ ( 4.5 ބިލިއަން ރުފިޔާ)އެވެ.

އަަހަރުގެ ފުރަތަމަ 5 މަސްދުވަހުގެ ޑޮލަރު އާމްދަނީ

2017 - 251 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ)
2018 - 285 މިލިއަން ޑޮލަރު (4.4 ބިލިއަން ރުފިޔާ)
2019 - 293 މިލިއަން ޑޮލަރު (4.5 ބިލިއަން ރުފިޔާ)
2020 - 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ)
2021 - 251 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ)
2022 - 374 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ)

ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ އަކީ ސީދާ ފަތުރުވެރިކަމާއި ގުޅިފައިވާ ޢާމްދަނީއެކެވެ. އެހެންކަމުން ފަތުރުވެރިކަން ރަނގަޅުވަމުންދާ މިންވަރަކަށް ޑޮލަރުން ލިބޭ އާމްދަނީވެސް އިތުރުވެއެވެ.

ސަރުކާރަށް ޑޮލަރުން ލިބޭ އާމްދަނީ ރެކޯޑު އަދަދަކަށް އަރާފައިމިވަނީ މުޅި ދުނިޔޭގެ އިޤްތިސާދުވެސް ރަޝިއާ – ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން އަޑިއަޅާލާފައިވާ ދަނޑިވަޅެއްގައެވެ. އަދި ރާއްޖޭގެ ދަރަނި ބޮޑުވެފައިވާ ކަމަށާ، ދަރަނި ދެއްކުމަށް ސަރުކާރަށް ދަތިވެފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. ސަރުކާރުން ދަނީ ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅު ކަމަށާއި ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށްވެސް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މި އަހަރުގެ ފުރަތަމަ ފަސްމަސް ދުވަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 374 މިލިއަން ޑޮލަރަށް އަރާފައިވާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީ – ޖީއެސްޓީގެ ގޮތުގައެވެ. އެގޮތުން މިއަހަރުގެ މި މުއްދަތުގައި ޓީ- ޖީއެސްޓީގެ ގޮތުގައި 234 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވެއެވެ.

ޓޫރިޒަމާއި، ޓޫރިޒަމާ ގުޅިފައިވާ ދާއިރާތަކުން އަހަރުގެ ފުރަތަމަ 5 މަސްދުވަހު ލިބުނު އާމްދަނީ

ޓީޖީއެސްޓީ - 234 މިލިއަން ޑޮލަރު (3.6 ބިލިއަން ރުފިޔާ)
ޓޫރިޒަމް ބިމު ކުލި - 47 މިލިއަން ޑޮލަރު (733.2 މިލިއަން ރުފިޔާ)
ގްރީން ޓެކްސް - 31 މިލިއަން ޑޮލަރު (478.9 މިލިއަން ރުފިޔާ)
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 21 މިލިއަން ޑޮލަރު (328.2 މިލިއަން ރުފިޔާ)
ޑިޕާޗާ ޓެކްސް - 21 މިލިއަން ޑޮލަރު (326 މިލިއަން ރުފިޔާ)
ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ - 15 މިލިއަން ޑޮލަރު (231.2 މިލިއަން ރުފިޔާ)

މި އަދަދުތަކުންވެސް ހާމަވާ އެއް ކަމަކީ ރާއްޖޭގެ އިޤްތިސާދު ދަނީ ކުރިއަށް ކަމެވެ. އަދި ރާއްޖެއަށް ލިބޭ ޢާމްދަނީވެސް އިތުރުވަމުންދާއިރު، އިޤްތިސާދީ ދުވެލި ހުރީ ރަނގަޅަށް ކަމެވެ.

ދާދިފަހުން ރައްޔިތުންގެ މަޖްލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަފުޅުކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ މިހާރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން މަތިވަމުން ދިޔުމާއި، ދައުލަތުގެ ޢާމްދަނީ އިތުރުވަމުންދިޔުމާއި އެކު، ދަރަނި ނަގާ މިންވަރުވެސް ދަށްވެ، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ދަނީ ދަށްވަމުން ކަމަށެވެ.

އަދި ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ޙާލަތުން އަރައިގަނެ، ކުރީގެ ޙާލަތަށް މިއަހަރުގެ ފަހުކޮޅު ރުޖޫޢަ ވެވޭނެކަމަށްވެސް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވެއެވެ.