ކޯވިޑް ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ކޯވިޑް ޖެހިގެން ނިޔާވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި އަންހެނެއްކަމެވެ. އަދި އޭނާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއްވައެވެ.
މިމަރާއެކު ރާއްޖޭގައި ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު މިވަނީ 300އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ފައްސިވާ މީހުންގެ ޢަދަދު މިހާރު އަންނަނީ އަނެއްކާވެސް އިތުރުވަމުންނެވެ. އަދި ސާމްޕަލް ޕޮޒިޓިވްވާ މިންވަރާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. އެގޮތުން ފާއިތުވި މޭމަހު ކޯވިޑް ޖެހިގެން ރާއްޖޭގައި އެޑްމިޓް ކޮށްފައިވަނީ މުޅިއެކު 15 މީހުން ކަމަށާއި، ނަމަވެސް މިޖޫންމަހުގެ އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިވާ މީހުން އިތުރުވަމުން އަންނަ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
ދުނިޔޭގައި އަދިވެސް ޕެންޑެމިކްގެ ހާލަތު ދެމިއޮތުމާއެކު ބައެއް ޤައުމުތަކުގައި މިހާރުވެސް ކޯވިޑްގެ ހާލަތު އަންނަނީ ގޯސް ވަމުންނެވެ. އެހެންނަމަވެސް ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަދި ބަލީގެ ނުރައްކާ ބޮޑު ފަރާތްތައް ބަލިން ރައްކާތެރި ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.