ދުނިޔެ

އިސްރާޢީލުން އަނެއްކާވެސް ޣައްޒާއަށް ބޮން އަޅަނީ


އިސްރާޢީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ. މި ހަމަލާތަކުގައި އެއްވެސް މުސްލިމެއްގެ ފުރާނައަށް ނުރައްކާވިކަން އަދި ސާފުވެފައެއް ނުވެއެވެ. މިއީ، އެ ޤައުމުގެ ދެކުނުގައިވާ ރަށެއް ކަމުގައިވާ އަޝްކެލޯނަށް އަމާޒުތަކަށް ރޮކެޓް ހަމަލާއެއް ދިނުމާ ގުޅިގެން، ބަދަލު ހިފުމުގެ ގޮތުން ދެމުންދާ ވައިގެ ހަމަލާތަކެއް ކަމުގައި އިސްރާޢީލުގެ އަސްކަރިއްޔާއިން ބުންޏެވެ.

އިސްރާޢީލުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ހަމާސް ޖަމާޢަތުން ބޭނުން ކުރާ ޢިމާރާތްތަކަށް ކަމަށް ވެސް އެ ޤައުމުގެ އަސްކަރިއްޔާއިން ބުންޏެވެ. އަޝްކެލޯނަށް ދިން ރޮކެޓް ހަމަލާގެ ފަހަތުގައި އޮތީ ހަމާސް ޖަމާޢަތް ކަމަށް އިސްރާޢީލުން ތުހުމަތު ކުރި ނަމަވެސް، މި ހަމަލާގެ ޒިންމާ އެ ޖަމާޢަތުން އަދި އުފުލާފައެއް ނުވެއެވެ.

އިސްރާޢީލުގެ އަސްކަރިއްޔާއާއި ޣައްޒާގެ މުސްލިމުންނާ ދެމެދު 2021 ވަނަ އަހަރުގެ މޭ މަހު ކުރި 11 ދުވަހުގެ ހަނގުރާމައަށް ފަހު މިފަދަ ހަމަލާތައް ވަނީ ކޮންމެ ވެސް ވަރަކަށް މަދުވެފައެވެ. ނަމަވެސް، އިސްރާޢީލުން އަދިވެސް ގެންދަނީ ޢައްޒާއަށް ވަދެ އުދުވާން ހިންގަމުންނެވެ. އަދި، ފަލަސްތީނުގެ މުސްލިމުން ޤަތުލު ކުރަމުންނެވެ.