ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ބާއްވާ އެސޯސިއޭޝަން ކަޕުގައި ޕޮލިސް ކުލަބް ބަލިކޮށް ސްޕޯޓްސް ކުލަބް ސިޓީން ސެމީގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ ޕޮލިހުގެ މައްޗަށް ފަހަތުން އަރައި 3-1 ސެޓުން ކުރިހޯދައިގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ސިޓީން ލީޑު ނަގައިގެން ކުޅުނު ނަމަވެސް ސެޓުގެ ފަހު ކޮޅު ސިޓީގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ޕޮލިހުން ވަނީ މި ސެޓު 25-22 އިން ގެންގޮސްފައެވެ.
އެކަމަކު މެޗުގެ ދެވަނަ ސެޓުގައި ޕޮލިހުގެ ފަރާތުން ފެނިގެން ދިޔައީ އާދައިގެ ކުޅުމެކެވެ. މި ސެޓުގައި ޕޮލިހުން ވަނީ ގިނަ ސާވިސްތަކެއް ބޭކާރުކޮށްލައިފައެވެ. އަދި މި ސެޓުގައި ޕޮލިހަށް ސިޓީގެ އެޓޭކްތައް ހުއްޓުވުމުގައި މާކަ ބޮޑު ކުރިއެރުމެއް ލިބިފައެއްނުވެއެވެ. އޭގެ ފައިދާ ނަގައި މި ސެޓު ސިޓީން ކާމިޔާބުކުރީ 25-13 އިންނެވެ.
ދެވަނަ ސެޓެކޭ އެއްގޮތަށް ތިންވަނަ ސެޓުގައިވެސް ޕޮލިހަށް ސިޓީގެ އެޓޭކުތައް ރަނގަޅަށް ޑިފެންސް ކުރެވިފައި ނުވާއިރު، މި ސެޓުގައި ސިޓީގެ އަލީ ހުޒާމް (ހުޒަންޓޭ) އާއި ބިދޭސީ އެޓޭކަރު އަމިތު ކުމާރުގެ ފަރާތުން މޮޅު އެޓޭކުތަކެއް ފެނިގެންދިޔައެވެ. މި ސެޓު ސިޓީން ކާމިޔާބުކުރީ 25-17 އިންނެވެ.
ހަތަރުވަނަ ސެޓު ފަށައިގެން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މި ސެޓުގެ މެދުތެރެއިން ޕޮލިހަށް މައްސަލަ ދިމާވީ އެ ޓީމުގެ ސެޓަރު މުއްތުސާމީ އައްޕުވޫ ތަކުރާރުކޮށް ރެފްރީގެ ނިންމުންތަކާ ދެކޮޅު ހަދަން ފެށުމާއެކު ރެފްރީ ވަކިވަކިން އޭނާއަށް ދެ ރަތް ކާޑު ދެއްކުމުންނެވެ. އެ ހިސާބުން އޭނާ ބަދަލުކުރަން ޖެހުމާއެކު ސިޓީއަށް ވަނީ ދެ ޕޮއިންޓް ދީފައެވެ. މި ސެޓު ސިޓީން ގެންދިޔައީ 25-14 އިންނެވެ.
މި ނަތީޖާއާއެކު ސިޓީން އެއްވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ވެމްކޯއަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، ފުުލުހުންނާއި ސިފައިންނަށް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ.