ޚަބަރު

ފީއަލީ ބިން ހިއްކަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި


ސަރުކާރުން ބަޖެޓުކޮށްފައިވާގޮތަށް ފ.ފީއަލީގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ފީއަލީ ކައުންސިލާ ބައްދަލުކުރައްވައި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ރަށުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމާ ގުޅޭގޮތުން ކައުންސިލާ މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ފީއަލި ކައުންސިލުން ވަނީ، ރަށުގެ ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. ކައުންސިލުން ވަނީ ފީއަލީގެ ބިން ހިއްކުމުގެ މަޝްރޫޢާއި ޞިއްޙީ މަރުކަޒުގެ މަޝްރޫޢާއި އެރަށު ވޮލީކޯޓުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މީގެއިތުރުން ވެސް ރަށު ސްކޫލަށް މަލްޓިޕާޕަސް ހޯލެއް ބޭނުންވާކަމަށާ، ސްކޫލްގެ ސައިންސް ލެބް ހެދުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި ފީއަލީ ރައްޔިތުން ދަތުރުދާނެ ރަށެއް ބޭނުންވާކަމަށާ، އަދި ރަށުގައި އައިސް ޕްލާންޓްއެއް ބެހެއްޓި ނަމަވެސް ބަނދަރު ކުޑަވުމުން އައިސް ޕްލާންޓް ބޭނުންކުރުމަށް ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާތީ، އައިސް ޖެޓީއެއް ޤާއިމްކުރުމުގެ މުހިންމުކަން ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވިއެވެ.

އަދި ރަށުގެ އާބާދީއާއި އެކަށޭނަ މިސްކިތްތަކާއި ޕޮލިސް ޕޯސްޓެއް ނެތުމުން ދިމާވާ ދަތިތަކާއި ޞިއްޙީ މަރުކަޒަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ބައެއް ދަތިތައް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.

މީގެއިތުރުން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އެ ކޮމިޓީގެ ފަރާތުން ހިންގަން ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ޖާގައިގެ ދަތިކަމާއި، ބަޖެޓުގެ ދަތިކަން ހުރިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށްރަށުގެ ތަރައްޤީގެ މަސައްކަތް ކުރިއަށްގެންދިޔުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ލިބުމަކީ ރަށްރަށް ތަރައްޤީކުރުމުގައި ސަރުކާރަށް ލިބިގެންދާ އިތުރު ފަސޭހައެއްކަމުގައި ވިދާޅުވެފައެވެ.

އަދި، ކައުންސިލުން ފާހަގަކުރެއްވި ބިންހިއްކުމުގެ މަޝްރޫޢު ފަށްޓަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން ވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި، ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލުތަކެއް ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ވޭތުވެދިޔަ މަދު ދުވަސްކޮޅު ތެރޭގައި މި ސަރުކާރުން ފީއައްޔަށް ގިނަ ކަންތައްތަކެއް، ކޮށްދެއްވާފައިވާކަން ފާހަގަކޮށް، ކައުންސިލުގެ ފަރާތުންވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި މި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.