ޚަބަރު

ތާރީޚީ ދުވަހެއް: މަަދަނީ އިޖުރައާތު ޤާނޫނަށް ޢަމަލުކުރަން ފަށައިފި


ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނުވާނެ، އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި މަދަނީ އިޖުރައާތުގެ ގާނޫނަށް އަމަލުކުރަން ފަށައިފިއެވެ.

މިބިލަކީ މިދިޔަ އަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގައި ފާސްކުރި ބިލެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތަސްދީގު ކުރެއްވި މަދަނީ އިޖުރައާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު، މަދަނީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

މި ޤާނޫނުގެ މަޤްޞަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް، ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ. މިޤާނޫނުގައި ހިމެނޭ މުހިންމު އެއްކަމަކީ މަދަނީ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތުތަކެއް ކަނޑައެޅުމެވެ. އެގޮތުން މަދަނީ މައްސަލަތަކުގައި 6 އަހަރު ތެރޭގައި ދައުވާ ކުރަން ޖެހޭނެކަމަށް ޤާނޫނުގައި ބަޔާންކުރެއެވެ.

މީގެ އިތުރުން ވަޒީފާގެ މައްސަލަތަކުގައި ވަޒީފާއިން ވަކިކުރި ތާރީޚެއް ނުވަތަ ވަޒީފާއާ ގުޅޭ މައްސަލައެއް އުފަންވި ތާރީޚުން ފެށިގެން 3 މަސްދުވަސް ނުވަނީސް ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މުދަލުގެ މިލްކުވެރިކަމާގުޅޭ މައްސަލަތަކުގައި މިލްކުވެރިކަން ފުރަތަމަ ބަދަލުކުރި ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މައްސަލާގައި ދައުވާކުރަން ޖެހޭނެކަމަށާ، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަތަކުގައި އެ ކަމެއް ހިނގި ތާރީޚުން ފެށިގެން އެއް އަހަރު ވުމުގެ ކުރިން ހުށަހަޅަން ޖެހޭނެކަމަށް މި ޤާނޫނުގައި ބުނެފައިވެއެވެ.

އަދި އިހުމާލެއްގެ ސަބަބުން ހަށިގަނޑަށް އަނިޔާއެއް ލިބިގެން އޭގެ ބަދަލު ހޯދުމުގެ މައްސަލަތަކުގައި، އެ އަނިޔާއެއް ހަށިގަނޑަށް ލިބެން ފެށި ތާރީޚުން ފެށިގެން ތިން އަހަރު ދުވަސް ވުމުގެ ކުރިން މައްސަލަ ހުށައަޅަންޖެހޭނެކަމަށާއި، އެފަދަ ފަރާތެއް މަރުވެއްޖެނަަމަ، މަރުވި މީހާގެ ވާރިސުންގެ ފަރާތުން އެމީހަކު މަރުވި ތާރީޚުން ނުވަތަ މަރުވިކަން އާއިލާއަށް އެނގޭ ތާރީޚުން ފެށިގެން، 3 އަހަރު ވުމުގެ ކުރިން މައްސަލަ ހުށައަޅަން ޖެހޭނެކަމަށްވެސް މަދަނީ އިޖްރާޢަތުގެ ޤާނޫނުގައި ބަޔާންކުރެއެވެ.

މީގެ އިތުރުން ސުލްހަވެރި ހައްލެއް ލިބޭތޯ ބަލަން މިހާރު ވެސް އޮންނަ ފަދަ ޑިސްޕިއުޓް ރިޒޮލިއުޝަން ފަދަ ނިޒާމެއްވެސް މި ޤާނޫނުގައި ބަޔާންކުރެއެވެ. ޝަރީއަތުގެ މަރުހަލާގައި ހިނގާ ޚަރަދުތަކަށް މައްސަލާގައި ހިމެނޭ ފަރާތްތައް ޒިންމާ ކުރުވުމަކީވެސް މި ޤާނޫނުން މަދަނީ އަދުލުގެ ނިޒާމަށް އަލަށް ތަޢާރަފްކުރާ ކަމެކެވެ.

މި ޤާނޫނުގައިވާ ކަންކަން މަދަނީ މައްސަލަތައް ބަލައި ހިންގާ އެންމެހައި ކޯޓުތަކުގެ މައްޗަށް ހިނގާނެއެވެ. އެހެންނަމަވެސް ޢާއިލާއާބެހޭ ޤާނޫނުގެ ދަށުން ނުވަތަ އެނޫންވެސް މަދަނީ އިޖުރައާތާބެހޭ ޚާއްޞަ ޤާނޫނެއްގެ ދަށުން ޢާއިލީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ބަލާ މައްސަލަތައް ބެލުމުގައި، އެ ކޯޓަކުން ޢަމަލުކުރާނީ، އެ ޤާނޫނެއްގައި ބަޔާންކުރާ ޚާއްޞަ އިޖުރައާތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.