ޚަބަރު

ރައީސްގެ ވަޢުދު: އަރަބިއްޔާ ސްކޫލް އެޅުމަށް ބައު ޖަމާލުއްދީން ތަޅާލަން ފަށައިފި


އަލްމަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު އިމާރާތް އެޅުމަށް ކުރީގެ ބައު ޖަމާލުއްދީން ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ފަށާފައިވަނީ މިއަދު މެންދުރެވެ.

ބައު ޖަމާލުއްދީން ތަޅާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޙަވާލުކޮށްފައިވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 75 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫޢު އެކުންފުންޏާ ހަވާލުކޮށްފައިވަނީ 2.5 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

ބައު ޖަމާލުއްދީން ސްކޫލްގައި މީގެކުރިން ހިންގަމުން އައީ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒެވެ.

2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗާންދަނީމަގު އަމީނިއްޔާ ކުރިމަތިން ހުޅުވި އަރަބިއްޔާ ސްކޫލްގެ ޢިމާރާތުގެ ބޮޑުބައެއްގައި ރެނދުލައި އެތަނަކީ ދަރިވަރުން ތިބުން ރައްކާތެރި ތަނެއް ނޫންކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އެ ސްކޫލްގެ ބެލެނިވެރިން އުފުލިއެވެ. މިއާއި އެކު ޢަރަބިއްޔާ ދަރިވަރުން އެ އިމާރާތުން ނެރުމަށް ސަރުކާރުން ނިމެވިއެވެ. އަދި އެކުދިންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމެވިއެވެ.

ޢަރަބިއްޔާގައި ކިޔަވަމުން ގެންދާ ހުރިހާ ދަރިވަރުންނަށް އިއްޒުއްދީން ސްކޫލްގައި ނުކިޔެވޭނެކަން ފާހަގަކޮށް މި ނިންމުން ބަދަލުކޮށްދިނުމަށް އެދި ޢަރަބިއްޔާ ޕީޓީއޭ މެމްބަރުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 20 ވަނަދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވާ ބެލެނިވެރިންގެ ކަންބޮޑުވުން އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް އައްސަވާ ރައީސް ވަނީ ޢަރަބިއްޔާ ސްކޫލަށް އައު އިމާރާތެއް އަޅުއްވާދެއްވާނެކަން ޔަޤީންކަށްދެއްވާ އެ ސްކޫލަށް ބައު ޖަމާލުދީން ހުރި ބިން ހަމަޖައްސަވާދެއްވާފައެވެ. އަދި އައު އިމާރާތް ނިމެންދެން ޢަރަބިއްޔާ ދަރިވަރުން ކިޔެވުމަށް ފޮރިން މިނިސްޓްރީން ބޭނުންކުރި ވަގުތީ އިމާރާތް ވަނީ ހަމަޖައްސަވާދެއްވާފައެވެ.

ހަތްސަތޭކައެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ޢަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދެމުން އަންނަ ހަމައެކަނި ސްކޫލެވެ. ޢަރަބިއްޔާގެ މަންހަޖަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ބަލައިގަންނަ މަންހަޖެކެވެ.

ބައު ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި ޢަރަބިއްޔާގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް އެޑިއުކޭޝަނުންވަނީ ހާމަކޮށްފައެވެ. އަދި އެމަސައްކަތް ނިންމާ އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލުގައި ދަރިވަރުންނަށް ކިޔެވޭނެ އިންތިޒާމު ހަމަޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިންވަނީ ވިދާޅުވެފައެވެ.