ޚަބަރު

އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން ހިންގި "އެކްސަސައިޒް ބްލެކް މަރލިން" ނިންމާލައިފި


ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާގެ ސެކިއުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑް (އެސްއެފްއޭބީ) އާ ގުޅިގެން އެމްއެންޑީއެފުން ހިންގި "އެކްސަސައިޒް ބްލެކް މަރލިން 2022" ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މި އެކްސަސައިޒް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ރަސްމިއްޔާތުގައި އެ ތަމްރީނުތަކުގައި ބައިވެރިވި ދިވެހި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޔޫއެސް ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ، މޭޖަރ ޖެނެރަލް ކްރިސް ސްމިތުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވި ގޮތުގައި އެކްސަސައިޒް ބްލެކް މަރލިންއަކީ ޔޫއެސް – މޯލްޑިވްސް ޑިފެންސް އެންޑް ސެކިޔުރިޓީ ކޯޕަރޭޝަން ގުޅުމުގެ ފެށުމެވެ. މީގެ އެއް އަހަރު ކުރިން ފެށިގެން ދިޔަ މި އެކްސަސައިޒް އެމްއެންޑީއެފްގެ މެރީންސްއަށް ޚާއްޞަ ކުރެވިފައިވީނަމަވެސް، މި އަހަރުގެ އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ މެރީންސް، ލޮޖިސްޓިކް ކޮމްޕޯނަންޓްސް، އީއޯޑީ ޓީމްސް، އަދި އިންޓެލިޖަންސް އެލެމަންޓްތަކަށް އަމާޒުކުރެވިގެންނެވެ. ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވި ގޮތުގައި މި ފަދަ ކާމިޔާބު އެކްސަސައިޒްތަކުގެ ސަބަބުން ޔޫއެސް އަދި ދިވެހިރާއްޖެއާ ދެމެދު، އަދި މި ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވެ މިފަދަ އިތުރު އެންގޭޖްމަންޓްތަކަށް މަގުފަހިވެގެންދާނެއެވެ.

މިރަސްމިއްޔާތުގައި ޔޫއެސް އާމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލް، މޭޖަރ ޖެނެރަލް ކްރިސްޓޮފަރ ސްމިތު ވިދާޅުވީ ވޭތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ޤާއިމްވެފައިވާ ގުޅުމުގެ މުހިއްމުކަން ފާހަގަކުރައްވާ، ގުޅިގެން މަސައްކަތްކުރުމުން ކަންކަން ހައްލު ކުރުމަށް ފަސޭހަވެގެން ދާކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، މިކަން މިގޮތުގައި ދެމި އޮންނާނީ ދެ ޤައުމުގެ ދެމެދުގައި މިއޮތް ގުޅުން ބަދަހިކުރުމަށް ކެނޑިނޭޅި މަސައްކަތްކުރުމުން ކަމުގައި މޭޖަރ ޖެނެރަލް ކްރިސްޓޮފަރ ސްމިތު ފާހަގަކުރެއްވިއެވެ.

މި އަހަރުގެ މި ޓްރެއިނިންގ އެކްސަސައިޒް ފޯކަސްކުރި ދާއިރާތަކަކީ އިންފެންޓްރީއާއި، މެޑިކަލް ކޮމްބެޓާއި، ލޮޖިސްޓިކްސް އަދި އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ދާއިރާއިންނެވެ. މިގޮތުން މި ތަމްރީނުތައް ކުރިއަށްދިޔައިރު، ސިމިޔުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރިއެވެ. މިޓްރެއިނިންގ އެކްސަސައިޒްގައި އެމެރިކާ އަސްކަރިއްޔާގެ ފަރާތުން 25 މުދައްރިބުން ބައިވެރިވިއެވެ. އަދި މި ތަމްރީނުތަކުގައި މިފަހަރު އެމްއެންޑީއެފްގެ 70 ސިފައިން ބައިވެރިވިއެވެ.

އެމެރިކާ އަސްކަރިއްޔާގެ އެސްއެފްއޭބީ އަދި އެމްއެންޑީއެފް ގުޅިގެން ރާއްޖޭގައި މި ތަމްރީނު ހިންގާފައިވަނީ 15 މެއި 2022 އިން 10 ޖޫން 2022 ވަނަ ދުވަހުގެ ނިޔަލަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް، ޅ.މާފިލާފުށީގައެވެ. މިއީ، އެމެރިކާ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި "އެކްސަސައިޒް ބްލެކް މަރލިން" ގެ ދެވަނަ ތަމްރީނު އެކްސަސައިޒެވެ.