ވިޔަފާރި

އުތުރުގެ 3 އަތޮޅަށް އަމާޒުކޮށް ދަނޑުވެރިކަން ކުރިއެރުވުމަށް އެގްޒިބިޝަނެއް


އުތުރުގެ 3 އަތޮޅަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ އެގްޒިބިޝަނެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ރީޖަނަލް އެގްރި ބިޒްނަސް އެގްޒިބިޝަންގެ ނަމުގައި ކުރިއަށްދާ މި އެގްޒިބިޝަން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހު ހދ. ހަނިމާދޫގައެވެ.

މިއީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކުރިއަށްގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި އެގްޒިބިޝަންގައި ބައިވެރިވަނީ ހއ، ހދ، އަދި ށ އަތޮޅުންނެވެ.

މި އެގްޒިބިޝަންގައި މި 3 އަތޮޅުން 20 ރަށެއްގެ ދަނޑުވެރިން ބައިވެރިވެއެވެ. ކޮންމެ ރަށަކުން 3 މީހުން ބައިވެރިވާކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެއެވެ. އެގްޒިބިޝަންގެ ތެރެއިން ކޮންމެ ރަށަކަށްވެސް ސްޓޯލެއް ވަނީ ދީފައެވެ. އެހެންކަމުން އެ ސްޓޯލްތަކުގައި އެރަށްރަށުގައި ވިއްކާ ދަނޑުވެރިކަމުގެ ބާވަތްތައް ޑިސްޕްލޭކޮށްލާނެއެވެ.

އެގްޒިބިޝަންގައި ދަނޑުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސަޕްލަޔަރުންނާއި، ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަ ރިސޯޓްތަކާއި ދަނޑުވެރިކަން ކުރާ ފަރާތްތައް ވެސް ބައިވެރިވާނެއެވެ. މި އެގްޒިބިޝަންގެ އެންމެ މުހިންމު ބޭނުމަކީ ރާއްޖޭގެ ދަނޑުވެރިންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދީ މާކެޓް ހޯދައިދިނުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ފޯރަމްގެ ތެރެއިން ގުޅުންތައް ބަދަހިވެ ސަޕްލަޔަރުންނާއި ވާހަކަދެކެވި ވިޔަފާރިގުޅުންތައް ޤާއިމްކޮށް ހަރަކާތްތައް ކުރިއަށްގެންދެވޭނެއެވެ.

މި އެގްޒިބިޝަން ކުރިއަށްދާނީ 1 ދުވަހަށެވެ. މި އެގްޒިބިޝަންގެ ތެރެއިން ރިސޯޓްތަކުން ތަކެތި ގަންނައިރު އެމީހުން ބޭނުންވާ ކޮލެޓީތައް ދެނެގަނެވޭނެއެވެ. އަދި ތިމާވެއްޓާއި ރަހުމަތްތެރި ދަނޑުވެރިކަން ކުރާނެ އާލާތްތައް ހޯދޭނެ ގޮތްތައްވެސް އެނގިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.