ޚަބަރު

ވެއިޓަރު މަރާލި ކައްކާއަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފި


ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރެންޓްގެ ވެއިޓަރަކަށް ހަމަލާދީ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕާކިސްތާނު މީހާގެ މައްޗަށް ދަޢުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ހާންޖީ ރެސްޓޯރެންޓްގައި ތޫނު އެއްޗަކުން ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަަމަލާދިނުމަށްފަހު، އެ ރެސްޓޯރަންޓްގެ ކައްކާއަކަށް މަސައްކަތްކުރާ ޕާކިސްތާނު މީހާ ވަނީ ފިލާފައެވެ. ވެއިޓަރަށް ހަމަލާދީ މަރާލީ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދެވެ. އޭނާ ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތި ސަރަހައްދުންނެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މިމައްސަލާގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

ހުޅުމާލޭ ނިރޮޅުމަގުގެ 19 ވަނަ ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓް ތެރޭ ހިނގި މި ހާދިސާގައި ވަޅިޔަކުން ހަމަލާދިނުމުގެ ސަބަބުން މަރުވެފައިވަނީ އެ ތަނުގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ ބަންގްލަދޭޝް ރައްޔިތެކެވެ. އޭނާ މަރުވީ ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައިކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ރެސްޓޯރަންޓް ތެރޭގައި ހިނގި ދެ ބަސްވުމެއްގައި ޕާކިސްތާނު ކައްކާ ބަންގްލަދޭޝް މީހާ ހަށިގަނޑުގެ ތިން ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި މި ދެ މީހުންގެ މެދުގައި މީގެކުރިންވެސް ބައެއް ދެބަސްވުންތައް ހިނގާފައިވާ ކަމަށް އެތަނުގައި މަސައްކަތް ކުރާ ބައެއް މީހުން ވަނީ ބުނެފައެވެ.