ޚަބަރު

"ދަރުސް ޕޯޓަލް" މެދުވެރިކޮށް ދަރުސްދިނުމުގެ ހުއްދައަށް މިހާރު އެދެވޭނެ


ދަރުސް ދިނުމަށް އެދޭ ފަރާތްތަކުން އެކަމުގެ ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ”ދަރުސް ޕޯޓަލް” ރަސްމީކޮށް އިފްތިތާޙްކުރައްވައިފިއެވެ.

މި ޕޯޓަލް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.

”ދަރުސް ޕޯޓަލް”އަކީ ދަރުސް އިންތިޒާމުކުރާ ފަރާތްތަކާއި، ދަރުސްދިނުމަށް އެދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ހުއްދަ ހޯދުމުގެ އިންތިޒާމު ހަމަޖެހިގެންދާގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ.

މީގެ ކުރިން ދަރުސް ދިނުމަށް ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ މިނިސްޓްރީއަށް ފޯމެއް މެދުވެރިކޮށެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ޕޯޓަލްއާއިއެކު ކުރިއަށްވުރެ ފަސޭހައިން ހުއްދައަށް އެދެވޭ ކަމަށާއި ފޯމެއް ހުށަހަޅާކަށް ނުޖެހޭނެކަމަށެވެ
ދަރުސް ޕޯޓަލްގައި ރެޖިސްޓްރީކޮށް، ހުއްދައަށް އެދުމުން، އެސްއެމްއެސްއެއް މެދުވެރިކޮށް ހުއްދަ ލިބުނުކަން ހުއްދައަށް އެދުނު ފަރާތަށް އެނގޭނެއެވެ. މި ޕޯޓަލް މެދުވެރިކޮށް ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ކައުންސިލްތަކަށް ހުއްދައަށް އެދެވޭނެއެވެ.

ޕޯޓަލް މެދުވެރިކޮށް ދަރުސް ބޭއްވުމުގެ ހުއްދަ ހޯދުމަށްފަހު، ހުއްދަ ދެވިފައިވާގޮތަށް، ދަރުސް ބޭއްވުނުކަން ނުވަތަ ނޫންކަން ޕޯޓަލް މެދުވެރިކޮށް އެންގުމުގެ އިންތިޒާމް ޕޯޓަލްތެރެއިން ވަނީ ހަމަޖެހިފައެވެ.

މިޕޯޓަލްއަށް ވަދެވޭނީ ”ދަރުސް ޕޯޓަލް ” މިލިންކް މެދުވެރިކޮށެވެ.