ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގައި ދިވެހި ސިފައިންގެ ކުލަބުން ވަރުގަދަ ކުލަބު ވެމްކޯ ބަލިކުރިއިރު، ގުޑީސް ސްޕޯޓްސް ކުލަބު ބަލިކޮށް ސްޕޯޓްސް ކުލަބު ސިޓީން ސެމީ ފައިނަލުގެ އުއްމީދު އާކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ވެމްކޯގެ މައްޗަށް ސިފައިން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ވެމްކޯއިން ލީޑުކޮށްގެން ކުޅުނު ނަމަވެސް ސެޓުގެ މެދުތެރެއިން ވެމްކޯގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގާ ސިފައިން މި ސެޓު ގެންދިޔައީ، 25-22 އިންނެވެ.
ދެވަނަ ސެޓު ފަށައިގެން ސިފައިން ވަނީ ހަ ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ބޮޑު ލީޑެއްގައި އޮވެގެން ސިފައިން ކުޅުނު ނަމަވެސް ވެމްކޯއިން ވަނީ ސެޓުގެ މެދުތެރެއިން ފަރަގު ކުޑަކޮށްފައެވެ. ސިފައިން މި ސެޓު ކާމިޔާބުކުރީ 25-23 އިންނެވެ.
މެޗުގެ ތިންވަނަ ސެޓު ވާދަވެރިކޮށް ފެނިގެންދިޔައިރު، މި ސެޓުގެ ފަހުކޮޅު ދެ ޓީމަށް ވެސް ވަނީ ސެޓު ނިންމަން ފުރުސަތު ލިބިފައެވެ. މި ފުރުސަތު އެންމެ ފުރަތަމަ ހޯދާފައިވަނީ ވެމްކޯއިންނެވެ. އެކަމަކު ފޯމުގައި އޮތް މި ސެޓު ސިފައިން ކާމިޔާބުކުރީ 28-26 އިންނެވެ.
މީގެ އިތުރުން ބުދަ ދުވަހުގެރޭ ގުޑީސްގެ މައްޗަށް ސިޓީން ކުރިހޯދީވެސް ސީދާ ތިން ސެޓުންނެވެ.
މެޗުގެ ގުޑީސްއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފުރަތަމަ ސެޓުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ގޮނިބީދޫ ސިޔާމްސުންދަރު ފަޔަށް އަނިޔާވެ ބަދަލު ކުރަން ޖެހުމެވެ. މި ސެޓު ސިޓީން ކާމިޔާބުކުރީ 25-19 އިންނެވެ.
ދެވަނަ ސެޓުގައި ގުޑީސްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ސިޓީން ވަނީ 25-18 އިން ގެންގޮސްފައެވެ. އަދި ތިންވަނަ ސެޓު ސިޓީން ކާމިޔާބުކުރީ 25-19 އިންނެވެ.
މި ފަހަރުގެ އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ މެޗުތައް ކުޅެވިގެންދަނީ ލީގު އުސޫލުންނެވެ. މި ޑިވިޝަނުގައި ވާދަކުރާ ޓީމުތަކަކީ ޕޮލިހާއި، ވެމްކޯ އާއި، އޮފު އެފްސީ އާއި، ގުޑީސް ސްޕޯޓްސް ކުލަބާއި، ދިވެހި ސިފައިންގެ ކުލަބު އަދި ސްޕޯޓްސް ކުލަބު ސިޓީއެވެ.