ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ށ.ފުނަދުއާއި، ނ.ހޮޅުދޫއަށް ވަޑައިގަންނަވަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް، ށ. ފުނަދުއާއި ނ. ހޮޅުދުއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މިދެރަށަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ ފުރާ ވަޑައިގަންނަނާވެކަމަށެވެ. މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މިދަތުރުފުޅަކީ ފުނަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޖަލްސާ އާއި މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު މާދަމާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ށ.ފުނަދޫއަށެވެ. އަދި ހޮނިހިރު ދުވަހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނ.ހޮޅުދޫއަށެވެ.

މިދަތުރުފުޅުގައި އެރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެރަށްތަކުގެ ކައުންސިލްތަކާއި ބައްދަލުކޮށް، ރަށްރަށުގެ ތަރައްޤީގެ ކަންކަމުގައި ހުރި ގޮންޖެހުންތައް އޮޅުންފިލުވައި އެކަންކަމަށް ހައްލު ގެނެސްދެއްވައެވެ.