ދުނިޔެ

ރެފިއުޖީންނަށް ކަމޭހިތުމަށް ވިލާތުން ތުރުކީއަށް ގޮވާލައިފި


ތުރުކީވިލާތަށް ވަންނަމުންދާ ރެފިއުޖީންނާ މެދު އެޤައުމުން މިހާރަށް ވުރެ ބޮޑަށް ކަމޭ ހިތުމަށް ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ފެޑްރީކާ މޯޣެރީނީ ގޮވާލައްވައިފިއެވެ.މޯޢެރީނީ މިކަމަށް ގޮވާލައްވާފައިވަނީ ތުރުކީވިލާތުގެ އަންކާރާއަށް ވަޑައިގެން އެޤައުމުގެ ރައީސް ތައްޔިބު އުރުދުޣާނާއި ބޮޑުވަޒީރު އަޙްމަތު ދަވުތޫލޫ އާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. މޯޢެރީނީ ވިދާޅުވީ، ރެފިއުޖީންނަށް ކަމޭ ހިތުމުގައި ވިލާތުގެ ޤައުމުތަކުން މިހާރަށް ވުރެ ހަރުދަނާ ކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށިފަހުން 2 މިލިއަން ރެފިއުޖީން ވަނީ ތުރުކީވިލާތަށް ވަދެފައެވެ. އަދި އެޤައުމުގެ އެތަށް ހާސް ބަޔަކު ވަނީ މިދިޔަ އަހަރު ވިލާތުގެ ޤައުމުތަކަށް ވެސް ވަދެފައެވެ. މޯޣެރީނީގެ ބައްދަލުވުމުގައި ވަނީ ތުރުކީވިލާތުގައި އުޅޭ ކުރްދީ ހަނގުރާމަވެރިންނާ އެޤައުމުގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގާ ކުރިމަތިލުންތަކާ ބެހޭ ގޮތުން ވެސް މަޝްވަރާތައް ކުރައްވާފައެވެ.