 
										
			ރާއްޖެއިން ތަޢާރަފްކޮށްފައި 'ހޯމް ސްޓޭ' ފަތުރުވެރިކަމަށް ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒުރާބް ޕޮލޮލިކަޝްވިލް ތައުރީފްކުރައްވައިފިއެވެ. 
ރާއްޖޭގައި ތައާރަފްކޮށްފައިވާ "ހޯމް ސްޓޭ" ޓޫރިޒަމް ކޮންސެޕްޓަށް ތައުރީފްކުރައްވާ ޒުރާބް ޕޮލޮލިކަޝްވިލް ވާހަކަ ދެއްކެވީ، "ޔޫއެންޑަބުލިޔުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް" ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއާއެކު ބޭއްވި ޖޮއިންޓު ޕްރެސް ކޮންފަރެންސްގައެވެ. 
ޒުރާބު ވިދާޅުވީ ރާއްޖެއަކީ ޒަމާނުއްސުރެ މުއްސަދިންނަށް ޗުއްޓީއަށް އާދެވޭ މަންޒިލެއް ކަމަށެވެ. އެހެންނަމަވެސް ހޯމް ސްޓޭ ޓޫރިޒަމާއެކު ގިނަ ބަޔަކަށް ރާއްޖެއަށް އައުމުގެ ފުރުސަތު ފަހިވެެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 
" މިހާރު ގިނަ ބަޔަކަށް ރާއްޖޭގެ ރީތިކަން ބަލާލުމުގެ ފުރުސަތު އެބަ ލިބޭ، މިއީ އެކްސެލެންޓު ޕްރޮޖެކްޓެއް، މިހާރު ފަތުރުވެރިންނަށް ރަށްރަށަށް އެބަ ދެވޭ، އެމީހުން އެރަށުން ބަލައިގަންނާނެ މީހުން އެބަތިބި، މިއީ ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާއަކަށްވާނެ،" ޒުރާބު ވިދާޅުވިއެވެ.
 
ރާއްޖޭގެ ހޯމް ސްޓޭ ފަތުރުވެރިކަމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މަޢުސޫމް ވިދާޅުވީ އަމާޒަކީ ޓޫރިޒަމް ސިންދަފާތު ކުރުން ކަމަށެވެ. އަދި މިހާރު ނަގާ ފީތައް ކުޑަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 
" 5000 ރުފިޔާ ކުރިއަށް ބިޒްނަސްއެއް ފެންނަން ނެތި ޚަރަދުކޮށްލަން އުނދަގޫވާނެ، މިހާރު ޤާނޫނަށް ގެންނަ ބަދަލުގައި އެކަންތައް ނިމޭނެ، މިހާރު 95 ރަށުގައި ކުދި ހޯޓާ އެބަހުރި،" މިނިސްޓަރ ވިދާޅުވިއެވެ. 
މިނިސްޓަރ މައުސޫމް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ރަށްރަށުގައި ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށެވެ. އެގޮތުން އާއްމުންނަށްވެސް ސީދާ ފަތުރުވެރިކަމުން ނަފާ ހޯދުމުގެ ފުރުސަތު ފަހިވެެގެންދާނެ ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. 
ރާއްޖެއަށް ހޯމް ސްޓޭ ފަތުރުވެރިކަން ތައާރަފްކޮށްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ.  ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިހާރު ހޯމް ސްޓޭގެ ގޮތުގައި 2 ތަނެއްވަނީ ރަޖިސްޓްރީކޮށްފައެވެ.