ޚަބަރު

ގޭގެ ފާރުން ފެނުނު ކުޑަކުޑަ ގާކޮޅަކުން އުފެދުނު ޝައުޤުވެރިކަން!


މަރިޔަމް އީޝާ އަޒީޒޭ ދެންނެވުމުން ގިނަ ބަޔަކަށް ފަހަރުގައި މިއީ ކޮން ބޭފުޅެއްކަން ނޭނގިދާނެއެވެ. އީޝާއަކީ ދިވެހި ތާރީޚާއި ރާއްޖޭގެ އާސާރީ ކަންކަން ހޯދައި ދިރާސާ ކުރައްވާ ހުނަރުވެރި އާދަޔާ ޚިލާފު ކަނބަލެކެވެ. އަމިއްލައަށް އިސް ނަންގަވައިގެން މިކަން ކުރައްވަމުން އައިސް މިހާރު ރަސްމީ މަސައްކަތެއްގެ ގޮތުގައި މި މަސައްކަތް ކުރައްވަމުން އަންނަ އީޝާ އަކީ މިހާރު ޤައުމީ ތަރިކަ ކޮމެޓީގެ މެމްބަރެއވެސް މެއެވެ. މުޅި ދިރިއުޅުންހެން މިމަސައްކަތަށް ހުސްކުރައްވައި އޭނަ މިކަމުގެ ތެރެއަށް ވެންނެވީ މިއީ މާބޮޑު ޢާމްދަނީއެއް ލިބޭ ކަމަކަށް ވެގެނެއް ނޫނެވެ. ޤައުމީ ލޯބީގައެވެ. ކާބައިންގެ ދިރިއުޅުއްވުމާއި އަސަރު މިޒަމާނަށް ތިލަކުރެއްވުމުގެ ބޭނުމުގައެވެ. އެވޭލާ ދިވެހިންގެ ގޮތްހުރި، އުޅުންހުރި ހަޟާރަތުގެ އަޖައިބުތަކާއި ޢިލްމުން ކުޑަމިންވަރެއްނަމަވެސް މިޖީލަށް ނެރެ ދެއްކެވޭތޯއެވެ.

އުމުރުފުޅުން އެންމެ 7 އަހަރުގައި އާސާރީކަންކަން ހޯއްދަވައި ދިރާސާ ކުރެއްވުމަށް އީޝާގެ ހިތްޕުޅުގައި ލޯތްބެއް އުފެދުނީ 80ގެ ކުރީކޮޅު މާލޭގެ ކަޅުވަކަރު މިސްކިތް ހުރި ތަނުންނެވެ. އީޝާގެ ގެ ހުންނަނޯ ކުރިން ކަޅުވަކަރު މިސްކިތް ހުރި ތަނާ އިންވެގެންނެވެ. ތެޅިގަލުން ރާނާފައި ހުރި އޭނާ ދިރިއުޅޭ ގޭގެ އިން ފާރުގައި ތަފާތު ކުދިކުދި ކުރެހުންތަކެއް ހުރި ގައުތަކެއް ހުއްޓާ ފެނުނު ވަގުތުންފެށިގެން އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލިއެވެ. އެއީ ކޮން އެޗެއްކަން އެނގެން އޭނާ ބޭނުންވިއެވެ. އެހީސާބުން އެއީ ކޮންއެއްޗެއްތޯ ހޯދުމަށް ހުރި ޝައުވެރިކަން ބޮޑުވެ، އޭނާ އެންމެ ފުރަތަމަވެސް ކުރައްވަން ފެށްޓެވި ކަމަކީ އެ ގައުތަކުގައި ހުނަ ލިޔުންތަކާއި ކުރެހުންތައް ނަކަލުކޮށް، ފޮތެއް ހައްދަވައި ރައްކާ ކުރައްވަން ފެށްޓެވީއެވެ.

އިޝާ ފުރަތަމަ މަސައްކަތްތައް ކުރެއްވީ އެއްވެސް މީހެއްގެ ބައިވެރިވުމެއްނެތި އެއިން އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ކައިރީ ނުދައްކަވައި ސިއްރިއްޔާތުގައެވެ. އެފަދަ މަޢުލޫމާތުތައް ހޯއްދަވައި ކުރައްސަވައި އެމަޢުލޫމާތު ރައްކާކުރެއްވިއެވެ. އީޝާއަކީ ހަމައެކަނި ފަސޭހައިން ފެންނަން ހުންނަ ތަރިކަ ހޯއްދަވައި ދިރާސާ ކުރައްވާ ބޭފުޅެެއް ނޫނެވެ. އަތޮޅުތަކުގެ ރަށަކަށް ވަޑައިގެން އެރަށްރަށުގެ ޤަބުރުސްތާނުތަކަށް ވަޑައިގަންނަވައެވެ. އެއީ އެތަނުގައި ހުންނަ އިހުގެ މަހާނަ ޤައުތަކުން ބުނެދޭ އެއްޗެއް ހޯދުމަށެވެ. މަހާނަ ގައުތަކުގައި ލިޔެފައި ހުންނަ ލިޔުންތައް ބައްލަވައި ދިރާސާކުރައްވައެވެ. މަހާނަގާތަކުގެ ބައްޓަމާއި ބޮޑުކުޑަމިނުގެ މާނަތަކަކީ ކޮބައިތޯ ހޯއްދަވައެވެ. އެކި ފަންތީގެ މީހުންގެ މަހާނަގަލުގައި ހުންނަ ތަފާތުކަންކަމާއި މާނަތައް ހޯއްދަވައެވެ. މަހާނަގާތައް ފަރުމަކޮށްފައިވާ ގޮތާއި އެކަމަށްތަކައި އިހުގެ ދިވެހީން ކުރި މަސައްކަތުގެ އެތައް މަޢުލޫމާތެއް ހޯއްދަވައެވެ. މިކަމަށްޓަކައި އޭނާވަނީ އެތައް ވަގުތެއް ހޭދަކުރައްވާފައެވެ. އީޝާ ހަޔާތުން 20 އަހަރު މިހާތަނަށް މިފަދަ ދިރާސާތައްކޮށް ހޯދުމަށް ހުސްކޮށްފައިވެއެވެ.

އީޝާއަކީ މިހާރު މިދާއިރާއިން ތަޢުލީމާއި ތަމްރީނު ލިބިވަޑައިގެން ހުންނެވި، ކަނބަލެކެވެ. އީޝާ ވިދާޅުވީ އާސާރީ ތަކެތި ދިރާސްކުރުމަށް ތަމްރީނުވެވަޑައިގެން އެންމެފުރަތަމަ މަސައްކަތް ކުރައްވަން ޖެހުނީ ރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ވަގުތީ ލިސްޓުގައި ހިމެނުމަށް ކުރަން ޖެހުނު މަސައްކަތްކަމަށެވެ.

އީޝާ އަންނަނީ އޭނާގެ މިމަސައްކަތުން ހޯއްދަވާ މަޢުލޫމާތާއި ހޯދުންތައް ޢާއްމުންނަށް ފޯރުކޮށްދެއްވަމުންނެވެ. ޝައުޤުވެރި މުހިންމު ބައެއް ތަޤުރީރުތައް ދެއްވާފައިވެއެވެ.

އެހެންނަމަވެސް މިފަދަ މަސައްކަތެއް ކުރައްވާއިރު އޭނާއަށް ކޮންމެވެސް ވަރެއްގެ ދަތިކަންކަންވެސް ކުރިމަތިވެއެވެ. ޚާއްސަކޮށް ގަބުރުސްތާނުފަދަ ތަންތަނަށްވަދެ މަހާނަ ގައުތަކުގައި ހުންނަ އެއްޗެހި ބަލައި ދިރާސާކުރުންފަދަ ކަންކަމަކީ އަންހެނަކަށްވާތީ ކުރަން އުނދަގޫ މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އިނދަގޫތަކާއެކުވެސް ކުރިއަށްދެވެންހުރި މަގުތަކުން ވަޑައިގަތުމަކީ އޭނާގެ ޢަޒުމެވެ.

އީޝާއަކީ ހަމައެކަނި އާސާރީ ތަންތަނާއި ތަކެތި ހޯދާ ދިރާސާ ކުރާ މީހެއްނޫނެވެ. އޭނާއަކީ މޮޅު ކުރެހުންތެރިއެއްވެސް މެއެވެ. ޅެންވެރިއެއްވެސްމެވެ. ވާހަކަ ލިޔުންތެރިއެއްވެސް މެއެވެ.

ރަސްމީ ވަޒީފައެއްގެ ގޮތުގައި އޭނާ އެންމެ ފުރަތަމަ ކުރައްވަން ފެށްޓެވި މަސައްކަތަކީ ޢިމާރާތްތަކާއި ގެ ކުރެހުމުގެ މަސައްކތެވެ. އާކިޓެކްޗަރގެ މަސައްކަތެވެ. އެއީ 1996 އަހަރުގައެވެ. އޭރު އެ ދާއިރާގައި ރާއްޖޭގައި އަންހެނުން ހަރަކާތްތެރިވަނީ ވަރަށް މަދުންނެވެ. އޭރު ކުރަންޖެހެނީ އަތުންނެވެ. ކުރެހުމުގެ މަސައްކަތުގައި އުޅުއްވިއިރުވެސް އިހުގެ ގެތައް ކުރެއްސެވުމަށް އީޝާ ޝައުގުވެރިކަން ބޮޑެވެ. ރަށްރަށައް ދަތުރުކުރައްވައި އިހުގެ ގެތައް ކުރައްސަވައި ރައްކާކުރައްވާފައިވެއެވެ. އެ މަސައްކަތުގައި އޭނާ 15 އަހަރުވަންދެން މަސައްކަތް ކުރެއްވިއިރު އަމިއްލަ ކުންފުންޏެއްވެސް ހެެއްދެވިއެވެ. ނަމަވެސް އޭރުވެސް އީޝާގެ ހިތްފުޅު ވީ އެހެންތަނެއްގައިކަމަށާ، އެތަނަކީ ޤައުމުގެ އާސާރީ ތަކެތި ހުރި ތަންތަންކަމަށް އޭނާ ވިދާޅުވިއެވެ.

ކުރެހުމާއެކު އެނާ ގެންދެވީ ޅެންވެރިކަމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ. ޅެންވެރިކަމަށް އޭނާގެ ޝައުގެވެރިކަން އުފެދުނީ ސްކޫލް ދައުރު އަމީނިއްޔާ ސްކޫލްގެ ލައިބްރަރީގެ ތެރެއިންކަމަށް އީޝާ ވިދާޅުވިއެވެ. ޅެންވެރިކަމުގެ މަސައްކަތް ކުރައްވާތާ މިހާރު 16 އަހަރު ވެފައިވާއިރު ގިނައިން އޭނާ ޅެން ލިޔުންވައްނީ އިނގިރޭސި ބަހުންނެވެ. އޭނާގެ ޅެންވެރިކަމަށްބަލައި ދިވެހި ބަހުގެ އެކަޑަމީން ވަނީ 2019ވަނަ އަހަރު ފޮތެއްވެސް ނެރުއްވާފައެވެ.

އަޅުގަނޑުމެންގެ ސަގާފަތާއި އަދާކާދައާއި ތަރިކަ ހިމާޔަތްކޮށް ރައްކާކުރުމުގައި ބަޔަކު އެބަ މަސައްކަތް ކުރެއެވެ. އަޅުގަނޑުމެންނަށް ނޭގިވެސް މިދާއިރާގައި މަސައްކަތްކުރާ ބަޔަކު ތިބިކަން ޤަބޫލުކުރަންޖެހެއެވެ. އެބޭފުޅުންގެ އެއް ބޭނުމަކީ އާސާރީ ތަކެތި ރައްކާކުރުމާއެކު މި މަޢުލޫމާތުތައް އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމެވެ. އީޝާ އަކީވެސް މިފަދަ އެއް ބޭފުޅެވެ. ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގައި އުމުރުގެ ބޮޑުބައި ހޭދަކުރައްވަނީ އުނދަގޫތަކާއެކުވެސް މިކަމުގައި ކުރިއަށް ވަޑައިގަތުމުގެ މުހިންމުކަމުންނެވެ. އޭނާ އެ މަސައްކަތްކުރައްވަނީ ޤައުމުދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. މިކަމުގެ ފައިދާ ޤައުމަށް ކުރާނެކަމަށް އިޝާ ޤަބޫލުފުޅުކުރައްވައެވެ. އެކަން ވެއްޖެނަމަ އޭނާގެ މަޤުސަދު ޙާސިލްވީއެވެ.