ކުޅިވަރު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޗެފް ޑި މިޝަނަރަކަށް ޝިފާނާ


އަންނަ އޮގަސްޓު މަހު ތުރުކީގައި ބާއްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޗެފް ޑި މިޝަނަރަކަށް، ފިޓްނަސް އިންޑަސްޓްރީގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ހީޓުގެ ސީއީއޯ އައިޝަތު ޝިފާނާ ވަޖީހު ހަމަޖައްސައިފިއެވެ.

ޝިފާނާއަކީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ރާއްޖޭގެ ޗެފް ޑި މިޝަންގެ ޒިންމާ އަދާކުރާނެ ފުރަތަމަ އަންހެން މެންބަރެވެ.

ޝިފާނާގެ އެންމެ ބޮޑު ޒިންމާއެއްގެ ގޮތުގައި އޮތީ ރާއްޖޭގެ ހުރިހާ އެތުލީޓުންނަށް މި ގޭމްސްގައި ބޭނުންވާ ކަންކަން ހަމަޖެއްސުމެވެ. އެ ގޮތުން ހުރުމުގެ އިންތިޒާމްތަކާއި، ދަތުރުކުރުމުގެ ކަންކަން ބަލަހައްޓައި އެކަންކަން ހަމަޖެއްސުމުގައި މުބާރާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނެ އެކަކަކީ ޝިފާނާއެވެ.

އޮލިމްޕިކް ކޮމިޓީން އިއުލާނުކޮށްފައިވާ ގޮތުގައި ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވަނީ ހަތަރު ކުޅިވަރުގަ އެވެ. އެއީ ބާސްކެޓްބޯޅަ، ސްވިމިން، އެތުލެޓިކްސް އަދި ޓޭބަލް ޓެނިސް (ޓީޓީ) އެވެ. މިއީ ރާއްޖޭން ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2017 ވަނަ އަހަރު އަޒަރުބައިޖާންގެ ބަކޫގައި ހޯސްޓް ކުރި ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭން ބައިވެރިވި އެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ކުރިއަށްދާނީ އޮގަސްޓް މަހުގެ 8 އިން 18 އަށް ތުރުކީގެ ކޮންޏާގައެވެ. މިއީ ރާއްޖޭން އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ދެވަނަ ފަހަރެވެ.