ދުނިޔެ

ޒީކާ ވައިރަސް އެމެރިކާ ބައްރުގައި ފެތުރުން އެކަށީގެންވޭ


ލެޓިން އެމެރިކާގެ ޤައުމުތަކުގައި މިހާރު ފެތުރެމުންދާ ޒީކާ ވައިރަސް އެމެރިކާ ބައްރުގެ ހުރިހާ ޤައުމަކަށް ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހާމަކޮށްފިއެވެ.މަދިރިން ފެތުރޭ މި ވައިރަސް ކެރީބިއަން، އުތުރު އެމެރިކާ އަދި ދެކުނު އެމެރިކާގެ 21 ޤައުމަކުން މިހާރު ފެނިފައިވާ ކަމަށް ޑަބްލިއު.އެޗް.އޯއިން މަޢުލޫމާތުދެއެވެ. އެޖަމާޢަތުން ބުނެފައިވަނީ މި ސަރަހައްދުތަކުގައި އޭޑިސް މަދިރި އުޅޭ ޤައުމުތަކުގައި މި ވައިރަސް ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އޭޑިސް މަދިރިއަކީ ޑެންގީ އަދި ޗިކަންގުންޔާ ފަދަ ބަލިތައް ވެސް ފަތުރާ މަދިރިއެވެ.މި ވައިރެސް ޖެހޭ މީހުންގެ ތެރެއިން 80 އިންސައްތަ މީހުންގެ ގައިން ބަލީގެ އެއްވެސް އަލާމަތެއް ނުފެންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ބުނެއެވެ. އެހެން ނަމަވެސް، މާބަނޑު މީހުންނަށް މި ވައިރެސް ޖެހުމުން ބަނޑުގައި އޮންނަ ދަރިފުޅުގެ ސިކުނޑިއަށް އޭނގެ އަސަރު ކުރާ ކަމަށާ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން ބްރެޒިލްގައި ވިހޭ ހަތަރުހާސް ކުދިންގެ ސިކުނޑީގެ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.ޒީކާ ވައިރަހަކީ މިހާތަނަށް ވެކްސިނެއް ހޯދިފައިވާ ވައިރަހެއް ނޫނެވެ.